މިދިޔަ މަހުގެ މުސާރަ އައްޑޫގެ އެއްވެސް މުދިމަކަށް ލިބިފައި ނުވާތީ އެ މީހުން ޝަކުވާ ކުރަން ފަށައިފި އެވެ.
"އައްޑޫ ލައިވް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މުދިމުންގެ މުސާރަ ނުދީ ލަސްކުރަމުން ދަނީ މުސާރަ ޝީޓްގައި މައްސަލައެއް ހުރި ކަމަށް ބުނެ އެވެ.
އެގޮތުން މުސާރަ ޝީޓްގެ މައްސަލަ ހުރިކަން އިސްލާމިކް މިނިސްޓްރީން ހިތަދޫގައި ހުންނަ މިނިސްޓްރީގެ ޑެސްކަށް އެންގީ 21 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. އަދި ހަމަ އެރޭ މުސާރަ ޝީޓްގައި ހުރިކަމަށް ބުނި މައްސަލަ ހައްލުކޮށް މިނިސްޓްރީއަށް ފޮނުވާފައިވާކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
ނަމަވެސް އޭގެ ފަހުން މިނިސްޓްރީގެ ހަބަރެއް ނުވެ، އީދު ޗުއްޓީ އަށް ސަރުކާރު ބަންދުވި އެވެ.
ޖޫން މަހުގެ މުސާރަ ސަރުކާރު މުވައްޒަފުންނަށް ޖޫން 22 ވަނަ ދުވަހު ވަނީ ލިބިފަ އެވެ.
މުދިމަކު މިއަދު ބުނީ މިއަދާ ހަމައަށް އައި އިރު ވެސް މުސާރަ ނުލިބޭ ކަމަށާއި ލިބޭނެ ދުވަހެއް ނޭނގޭ ކަމަށެވެ.
މިކަމާއި ގުޅިގެން މިނިސްޓްރީގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.