ޗައިނާއަށް މިހާރު ކުރަމުންދާ ވިއްސާރާގައި 56 މީހަކު މަރުވެ 22 އަށްވުރެ ގިނަ މީހުން ގެއްލިފައިވާ ކަމަށް އެގައުމުގެ މީޑިޔާތަކުން ރިޕޯޓުކޮށްފިއެވެ.
ވާރޭ 19 އިންޗަށް ވެހިފައިވާއިރު ޗައިނާގައި ފެންބޮޑުވުމާއި އިމާރާތްތައް ސުންނާފަތިވެ ގެދޮރު ގެއްލުމާއި ރައްޔިތުން ވަނީ ކުރިމަތިލާން ޖެހިފައެވެ. އަދި ކޯރުތައް ބަންޑުން ޖަހާލައި ކަރަންޓު ފޯރުކޮށްދިނުމުގައިވެސް ދަތިތަކާއި ކުރިމަތިލާން ޖެހިފައިވެއެވެ.
ޗައިނާ ސަރުކާރުން ބުނެފައިވާ ގޮތުގައި 11 ޕްރޮވިންސެއްގެ 11 މިލިއަނަށްވުރެ ގިނަ މީހުން ވަނީ ވިއްސާރާގައި ހާލުގައި ޖެހިފައެވެ. ފެންބޮޑުވުމާއި ތޫފާންތަކާއި އެގައުމުގެ ރައްޔިތުން ކުރިމަތިލާން ޖެހިފައިވާއިރު ދެކުނު ޗައިނާގެ ކޯރުތަކުގައި ފެންބޮޑުވެފައިވާ މިންވަރުން ނުރައްކާތެރިކަން އިންތިހާއަށް ވަނީ ބޮޑުވެފައެވެ.
ވިއްސާރައިގެ ސަބަބުން ފްލައިޓުތަކާއި ރޭލު ދަތުރުތައްވެސް މަޑުޖައްސާލަން ވަނީ މަޖުބޫރުވެފައެވެ. ޗައިނާއަށް އައި 13 ފްލައިޓެއް ވަނީ އެހެން މަންޒިލެއްގައި ޖައްސާފައެވެ.
ޗައިނާގެ މޫސުމާއި ބެހޭ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި މިމަހު ފަހުކޮޅާއި ހަމައަށް އާދެވޭއިރު މިހާރަށްވުރެ ބޮޑަށް އެގައުމަށް ވިއްސާރަކުރާނެއެވެ.