ކޮންމެ ފަރާތަކުން އަމުރެއް އައި ކަމުގައި ވިޔަސް ރަސްމީ އިދާރާގެ މީހަކު ގާނޫނާ ޚިލާފު އަމުރަކަށް ބޯ ނުލެނބުމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިލްތިމާސް ކުރައްވައިފި އެވެ.
މައުމޫން މިހެން ވިދާޅުވެފައި ވަނީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.
"ކޮންމެ ފަރާތަކުން އަމުރެއް އަޔަސް ރަސްމީ އިދާރާއެއްގެ މީހަކު ޤާނޫނާ ޚިލާފް އަމަލެއް ކޮށްގެން ނުވާނެ،" ރައީސް މައުމޫން
ރަސްމީ އިދާރާ ތަކުގެ މުވައްޒަފުން ޤާނޫނާއި ޚިލާފަށް ޢަމަލު ނުކުރެއްވުމަށް މައުމޫން ގޮވާލައްވާފައި ވާއިރު، މައުމޫންގެ ދަރިކަލުން ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން، މަޖިލިސް މެމްބަރުންނަށް ރިޝްވަތު ދިންކަމަށް ހެކި ލިބިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ނަމަވެސް ފާރިސް ވިދާޅުވެފައިވަނީ އެއްވެސް މީހަކަށް ރިޝްވަތު ދޭން މަސައްކަތް ކޮށްފައި ނުވާނެ ކަމަށާއި ހެއްކެއް ނުހުންނާނެ ކަމަށެވެ. މިމައްސަލައާ ގުޅިގެން މިއަދުގެ ވަގުތެއްގައި ފާރިސް ހައްޔަރުކޮށްފާނެ ކަމަށް ސޯޝަލް މީޑިޔާގައި ވަނީ އަޑު ފެތުރިފައެވެ.
ފާރިސް ހައްޔަރުކޮށްފިނަމަ އިތުރު 5 މެމްބަރުން އިދިކޮޅު އިއްތިހާދާއި ގުޅޭނެ ކަމަށް ރޭގެ ވަގުތެއްގައި ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވަނީ ވިދާޅުވެފައެވެ.