އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ(މުހަންމާ) އާއި ބައްދަލުވެ އެބޭފުޅާގެ ވާހަކަ އަޑު އަހާލުމުން ހިތްވަރާއި ސާބިތުކަން ސާފު ވެއްޖެކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އިނގިރޭސިވިލާތުން ސިޔާސީ ހިމާޔަތް ހޯއްދަވައިގެން ހުންނެވި ރައީސް ނަޝީދު ވަނީ މިއަދު އަނެއްކާވެސް ލަންކާއަށް ދަތުރު ކުރައްވާފަ އެވެ.
މުހަންމާއާ ނަޝީދު ބައްދަލުކުރައްވާފައި ވަނީ ލަންކާގައެވެ.
ދެބޭފުޅުންގެ ދެމެދުގައި ދެކެވުނީ ކޮން ވާހަކައެއް ކަމެއް ނަޝީދު ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އޭނާގެ ހިތްވަރާއި ސާބިތުކަން ސާފުވެއްޖެ ކަމަށް ވިދާޅުވުމުން އިދިކޮޅު ފަރާތްތަކާއި ގުޅޭނެ ކަމަށް ބެލެވެއެވެ.
މުހަންމާ އަކީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓަށް ހުށައެޅުމަށް ސޮއިކުރި 45 މެމްބަރުންގެ ތެރޭ ހިމެނިވަޑައިގަންނަވާ މެމްބަރެކެވެ.