ޕީޕީއެމްގެ މަޖިލިސް މެންބަރުންގެ ވައިބަރ ގްރޫޕްގައި މެންބަރުންގެ ޝަކުވާތައް ބޮޑުވެގެން އެ ގްރޫޕުން ނެރެދިނުމަށް ރައީސް އަބްދުﷲ ޔާމީން އެދިވަޑައިގެންފިއެވެ.
ސޯޝަލް މީޑިޔާގައި ލީކުވެފައިވާ ޕީޕީއެމް ޕީޖީގެ ވައިބަރ ގްރޫޕްގެ މެސެޖްތަކުން އެނގޭ ގޮތުގައި މެންބަރުންގެ ޝަކުވާ ބޮޑުވީ ސަރުކާރު ތެރެއިން ކުރައްވަން ބޭނުންވާ ކަންކަމަށް އެހީވުމަށް ކޮމެޓީތަކެއް އުފައްދައި، އެކަން މެމްބަރުންނަށް އެންގެވުމާ އެކުގަ އެވެ.
ރައީސް ޔާމީންގެ ވާހަކަފުޅަށް ފަހު މެންބަރުން ވަނީ މީގެ ކުރިން ވެސް ކޮމެޓީތައް އުފައްދައިގެން މެމްބަރުންނަށް ހާސިލްވި ކަމެއް ނެތް ކަން ފާހަގަކުރައްވައި އަދި ކޮމެޓީތައް އުފެއްދުމަކީ ބޭކާރު ކަމެއްގެ ގޮތުގައި ވިދާޅުވެފައެވެ.
މެންބަރުން ނުރުހުން ފާޅުކުރައްވަން ފެއްޓެވުމުން ޕީޕީއެމްގެ ޕީޖީ ލީޑަރު ނިހާނު ވަނީ، ރައީސްގެ ވާހަކަފުޅު "ޕޮޒިޓިވްކޮށް" ނެންގެވުމަށް އެދިވަޑައިގެންފައެވެ.
ނިހާނުގެ އިތުރުން ޕީޕީއެމްގެ ނައިބު ރައީސް ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް ވެސް ވަނީ ރައީސް ޔާމީން އެދިވަޑައިގަންނަމުން ގެންދެވީ އެއީ ރަނގަޅު ކަމެއްގެ ގޮތުގައި މެމްބަރުން ބަލައިގަތުމަށެވެ.
އެވާހަކަތަކަށް ވެސް އިޖާބަ ދިނުމެއް ނެތި މެންބަރުންގެ ޝަކުވާތައް އޮއްސާލުމުން، ރައީސް ޔާމީން ވަނީ ވައިބާ ގްރޫޕުން އެމަނިކުފާނު ނެރެދެއްވުމަށް އެދިވަޑައިގެންފައެވެ.
"އަޅުގަނޑު މި ނިކުތީ މި ޕޭޖުން … ފަލާހް ޕްލީޒް ރިމޫވް މީ" ރައީސް ޔާމީން ފޮނުއްވި މެސެޖުތަކުގައި ވިދާޅުވެފައިވެ އެވެ.
'އައްޑޫލައިވް' އަށް އެނގިފައިވާ ގޮތުގައި ރައީސް ޔާމީން، ޕީޕީއެމްގެ ޕީޖީގެ ވައިބަރ ގްރޫޕް ދޫކުރައްވާފައެއް ނުވެއެވެ.