Last Updated: May 19, 00:16
Saturday, May 18, 2024
ޚަބަރު

ބަރުދަން އިތުރު ކުރަން ކަސްތަރު ކުރޭ!

ބަރުދަން ލުއި މީހުންގެ އެންމެ ބޮޑު ޝަކުވާއަކީ ކަތަންމެ ގިނައިން ކެޔަސް ފަލަނުވާ ކަމެވެ. މިކަމަށް އޮތް ހައްލަކީ ގިނައިން ކެއުމެއް ނޫނެވެ. އެކަމަކު، އެމީހާ ހާސިލު ކުރަން ބޭނުންވާ ނަތީޖާ އަދި ހަށިގަނޑުގެ ބާވަތަށް އެންމެ އެކަށޭނެ ގޮތުގައި ޕްރޮގްރާމްއެއް ރާވައިގެން އެއާއި އެއްގޮތަށް ކަސްރަތު ކުރުމެވެ.

މިގޮތުން ބަލާއިރު މައިގަނޑު ގޮތެއްގައި ތިބެނީ 3 ވައްތަރެއްގެ ހަށިގަނޑެވެ. އެއީ އެކްޓަމަރފް (އާންމު ގޮތެއްގައި ހިކި ކޮށް، އަދި ބަރުދަން އިތުރު ކުރަން އުނދަގޫ ހަށިގަނޑު)، މެސަމަރފް (އާންމު ގޮތެއްގައި ހަށިގަނޑު ވަރުގަދަކޮށް ބޮޑީ ބިލްޑް ކުރަން ފަސޭހަ ހަށިގަނޑު) އަދި އެންޑަމަރފް (އާންމު ގޮތެއްގައި އަވަހަށް ފަލަވާ، ހިކެން އުނދަގޫ ހަށިގަނޑު)އެވެ. ކަސްރަތު ކުރާއިރު ކުރިން ދެންނެވުނު ތިން ވައްތަރުގެ ހަށިގަނޑުގެ ތެރެއިން ތިމާގެ ހަށިގަނޑުގެ ވައްތަރު ފާހަގަކޮށް އެއާއި އެއްތޮގަށް ކެއުމާއި ކަސްރަތު ކުރުމަށް ސަމާލުކަން ދޭން ޖެހޭނެއެވެ.

މިގޮތުން އާންމު ގޮތެއްގައި ބަރުދަން އިތުރުކުރުމުގައި ދަތިތައް ކުރިމަތި ވަނީ އެކްޓަމަރފް ހަށިގަނޑު ހުންނަ ބޭފުޅުންނަށެވެ. މިގޮތުން، ކަސްރަތު ކުރުމުގެ ކުރިން ގިނައިން ކާރބޯހައިޑްރޭޓްސް ހުންނަ ކާނާ ކެއުން މުހިންމެވެ. ސަބަބަކީ ކާރބޯހައިޑްރޭޓްސް އިން ހަށިގަނޑަށް ހަކަތަ ލިއްބައިދޭތީއެވެ. ގައިގެ މަސްތައް އުފެދިފައި ހުންނަނީ ޕްރޮޓީންސް އިންނެވެ.

އެހެންކަމުން ކަސްރަތު ކުރުމުގެ ފަހުން ޕްރޮޓީންސް ގިނައިން އެކުލެވޭ ކާނާ ކެއުމަށް އިސްކަންދޭން ޖެހެއެވެ. އަދި ކެއުމުގައި ޕޯޝަން މެދު މިނެއްގައި ހިފެހެއްޓުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. އިންޓަނެޓުން ފެންނަ ތަފާތު އެކިއެކި ޑައެޓް ތަކަށް ބަރޯސާ ވުމުގެ ބަދަލުގައި އަބަދުވެސް ޑައިޓީޝަނެއްގެ ލަފާ ހޯދާށެވެ.

ކަސްރަތު ކުރުމުގައިވެސް ފަސޭހަ، ކުދި ކަސްރަތު ތަކުން ފަށައިގެން ހަށިގަނޑު އެއަށް ހޭނޭ ވަރަކުން އިތުރު ކުރަމުން ދާށެވެ. އެއްދުވަހު ބުރަކޮށް ކަސްރަތު ކޮށްފިނަމަ، ދެވަނަ ދުވަހު ތަންކޮޅެއް ފަސޭހަ ކަސްރަތެއް ކޮށްލާށެވެ. ނުވަތަ ދެދުވަހުން އެއްދުވަހު ކަސްތަރު ކުރާށެވެ. މިކަމުން ހަށިގަނޑުގެ މަސްތައް ހަލާކުނުވެ، ޓޯން ކުރެވޭނެއެވެ. އަބަދުވެސް ކަސްރަތު ކުރުމުގެ ކުރިން ލުއި ކަސްރަތުތަކަކުން ވަރމް އަޕް ކުރާށެވެ.

އަދި ނިންމާލަމުން ކޫލް ޑައުން ކުރާށެވެ. މިއީ މަސްގުޅަ ކެއުމުން ސަލާމަތް ކޮށްދޭ ކަމެކެވެ. ކަސްރަތު ކުރުމުގައި ޖިމް އިންސްޓަރަކްޓަރެއް ނުވަތަ ކަސްރަތު ކޯޗެއްގެ ލަފާ ހޯދުމަކީ ވަރަށް މުހިންމެވެ.