Last Updated: June 11, 17:05
Thursday, June 11, 2026
ސިޔާސީ

އެމްޑީޕީގެ ޖަލްސާއެއް މިރޭ ހިތަދޫގައި

ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރުމުގެ ގޮތުން އެމްޑީޕީން އިއްޔެ ފެށި "ދޭތިން ފަހެތި" ކެމްޕޭނުގެ ޖަލްސާއެއް މިރޭ ހިތަދޫގައި އޮންނާނެ ކަަމަށް އެމްޑީޕީން ބުނެފި އެވެ.

ޖަލްސާ އޮންނާނީ މިރޭ 9:00 ޖަހާ އިރު އެމްޑީޕީ ހިތަދޫ ހަރުގޭގައި ކަމަށް އެ ޕާޓީން ބުންޏެވެ.

އެ ޕާޓީގެ އައްޑޫ އޮފިޝަލަކު ވިދާޅުވީ އައްޑޫގައި ކުރިއަަށް ގެންދާ "ދޭތިން ފަހެތި" ކެމްޕޭން ޑރ. މުސްތަފާ ލުތުފީގެ ކޯޑިނޭޓަރުކަމުގެ ދަށުން ކުރިއަށް ގެންދާ އިރު، މިރޭ ބާއްވާ ޖަލްސާގައި އެމްޑީޕީ ސަރުކާރުގައި ހެލްތު މިނިސްޓަރުކަން ކުރެއްވި ޑރ. އައިނަތު ޖަމީލް އާއި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ސްޕޯކްސްޕާސަން އިމްތިއާޒް ފަހުމީ ވެސް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ.

އެމްޑީޕީން ބުނީ އެ ތިން ބޭފުޅުންނާ އެކު އެމްޑީޕީ އައްޑޫ ހިންގާ ކޮމިޓީ އާ އެކު ރޭ ބައްދަލުވުމެއް ވެސް ބާއްވާފައިވާ ކަމަށެވެ. އަދި އެ ބައްދަލުވުމުގައި ޕާޓީ އަށް މެމްބަރުން އިތުރު ކުރުމުގެ ހަރަކާތްތައް ހިންގުމާއި ކެމްޕޭން ކުރިއަށް ގެންދާނެ ގޮތާ ބެހޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ.

ތިން ދުވަހަށް ކުރިއަށް ގެންދާ "ދޭތިން ފަހެތި" ކެމްޕޭނުގެ ޖަލްސާއެއް މާދަމާ ރޭ ހުޅުމީދޫގައި ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.