މިދިޔަ އެޕްރީލް މަހުގެ 23 ވަނަ ދުވަހުގެ ރޭ އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ޒުވާން ބްލޮގަ، ޔާމީން ރަޝީދު ރަހުމުކުޑަ ގޮތަކަށް މަރާލި ސަބަބު އެނގެން ބޭނުންވާ ކަމަށް ޔާމީންގެ ބައްޕަ ހުސެން ރަޝީދު ވިދާޅުވެއްޖެ އެވެ.
ހުސެން މިއަދު ނޫސްވެރިންނާ ބައްދަލުކޮށް ވިދާޅުވެފައި ވަނީ ދެ ފަހަރެއްގެ މަތިން ފުލުހުންނާއި ބައްދަލުކޮށްފައިވާ ކަމަށާއި ނަމަވެސް ޔާމީންގެ މަރުގެ ތަހުގީގާއި ބެހޭ އެއްވެސް މައުލޫމާތެއް އެބޭފުޅުން ހިއްސާކޮށްފައެއް ނުވާ ކަމަށެވެ.
ޔާމީނަކީ މީހަކަށް ދަރާފައިވާ މީހެއް ނޫން ކަމަށާއި އަދި ގޭންގަކަށް ނިސްބަތްވާ މީހަކަށް ނުވާއިރު އެފަދަ އަނިޔާވެރިގޮތަކަށް މަރާލުމުން، އެކަން ކުރި ބަޔަކު އެކަން ކުރި ސަބަބެއް އެނގެން ބޭނުން ކަމަށް ހުސެން ވިދާޅުވެފައިވެއެވެ. އެހެން މީހުންގެ ސަލާމަތަށްޓަކައިވެސް އެކަން އަންގަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
" އެއްވެސް މީހަކު އެއްވެސް ކަމަކާ ނުލާ އެއްވެސް ކަމެއް ނުކުރާނެ. ޔާމީން ރަޝީދަކީ މީހަކަށް ދަރާފައިވާ މީހެއް ނޫން، ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ޑްރަގް ބޭނުންކުރާ މީހެއް ނޫން އަދި ސިޔާސީ ޕާޓީއަކަށްވެސް ނިސްބަތްވާ މީހެއް ނޫން. ޔާމީން ރަޝީދަކީ މީހުންނާ އަރާރުންވެ، ޒުވާބުކޮށް ހަމަނުޖެހުން އުފައްދާ މީހެއް ނޫން. އެކަނި އުޅޭ މީހެއް. އޭނާ މަރާލާނީ އޭގެ ފަހަތުގައި ކޮންމެވެސް ސަބަބުތަކެއް އޮވެގެން. އެކަން އެނގުމަކީ މުހިންމު ކަމެއް."
ހުސެން ރަޝީދު ވަނީ ޔާމީންގެ މަރުގެ ތަހުގީގު އަވަސްކޮށްދިނުމަށް އެދި 800 އަށްވުރެ ގިނަ މީހުން ސޮއިކުރި ޕެޓިޝަނަކާއި ސިޓީ ހިފައިގެން ފުލުސް އިދާރާއަށް ގޮސްފައެވެ. ނަމަވެސް ފުލުހުން ވަނީ އެ ސިޓީތަކާއި ޕެޓިޝަން ގަބޫލުނުކޮށް ފޮނުވާލާފައެވެ.
ހުސެން ރަޝީދު ވަނީ މީގެ ކުރިން ފުލުހުން ކުރަމުންދާ ތަހުގީގާއި މެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ބޭރުގެ ފަރާތްތަކުން ޔާމީންގެ މަރުގެ ތަހުގީގު ކުރުމަށްވެސް ގޮވާލާފައެވެ. ދިވެހި ފުލުހުން ކުރާ ތަހުގީގަކަށް އިތުބާރު ނުކުރެވޭ ކަމަށާއި ޔާމީނަށް އިންސާފު ހޯދާދިނުމަށް ބޭރުގެ މިނިވަން ތަހުގީގެއް ކުރުމަށް އޭނާ ވަނީ ގޮވާލާފައެވެ.
ރަހުމުކުޑަ ގޮތަކަށް ޔާމީން އަށް ހަމަލާދިން މީހުންވަނީ ޔާމީންގެ ހަށިގަނޑުގެ 14 ތަނަކަށް ވަޅި ހަރާފައެވެ. ފުލުހުން ބުނެފައިވަނީ ޔާމީންގެ މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވެފައިވަނީ 3 މީހަކު ކަމަށާއި އެ ތިން މީހުންވެސް މިހާރު ފުލުހުން ވަނީ ހައްޔަރުކޮށްފައިކަމަށެވެ.