Last Updated: June 11, 17:05
Thursday, June 11, 2026
ޚަބަރު

ކުނި މެނޭޖް ކުރާ ޕްލޭނަށް ކުރިމަތިލުން އިތުރުކޮށްފި

އައްޑޫ ސިޓީ ކައުންސިލުން އެކުލަވާލަން ނިންމާފައިވާ ވޭސްޓް މެނޭޖް ޕްލޭން ހަދައި ދޭނެ ބަޔަކު ހޯދުމަށް ހުޅުވާލި ފުރުސަތު ކައުންސިލުން އިތުރުކޮށްފި އެވެ.

ކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ބުނެފައި ވަނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 17 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި އޭގެ ކުރިން މިކަމާ ބެހޭ މައުލޫމާތު ދިނުން މި މަހުގެ 10 ވަނަ ދުވަހު ކައުންސިލް އިދާރާގައި އޮންނާނެ ކަމަށެވެ.

ކުނި މެނޭޖް ކުރާނެ ޕްލޭނެއް ހަދަން ނިންމާފައި ވަނީ އައްޑޫގައި ކުނީގެ ބޮޑުވެފައިވާތީ ހަރުދަނާ ނިޒާމެއްގެ ދަށުން ކުނީގެ މައްސަލަ ހައްލު ކުރާނެ ގޮތްތަކެއް ހޯދުމުގެ ގޮތުންނެވެ.

ކައުންސިލަރު އަބްދުﷲ ތޮއްޔިބް (ޓޮމް) ވިދާޅުވެފައި ވަނީ ކައުންސިލުން އައްޑޫގެ ވޭސްޓް މެނޭޖް ކުރާނެ ފަރާތެއް ހޯދުމުގެ މަސައްކަތް ފެށީ އެ ކަމަށް އެދި ބައެއް ފަރާތްތަކުން ކައުންސިލާ މަޝްވަރާ ކުރަމުން އަންނާތީ އެވެ.

"އަޅުގަނޑު މެންނަށް ދޭތެރެ ދޭތެރެ އިން އެބަ ހުށަހެޅޭ އައްޑޫގެ ވޭސްޓް މެނޭޖް ކުރުމުގެ ޝައުގު ހުރި ފަރާތްތައް. އަނެއް ކޮޅުން ކައުންސިލުން ވަރަށް ހާއްސަ އިސްކަމެއް ދެމުން އަންނަ ކަމެއް ކުނި ދެމެހެއްޓެނިވި ގޮތަކަށް ކުނި ނައްތާލެވޭނެ ނިޒާމެއް މި ސިޓީގައި ގާއިމް ކުރުމަކީ." އޭނާ ވިދާޅުވި އެވެ.

ތޮއްޔިބް ވިދާޅުވީ ދާދި ފަހުން ތައިލެންޑްގެ ވޭސްޓް މެނޭޖް ކުރާ ބަޔަކު ކައުންސިލާ ބައްދަލުކޮށް އެ މީހުންގެ ދައުވަތަކަށް ކައުންސިލަރުންގެ ޓީމެއް ތައިލެންޑަށް ޒިޔާރަތްކޮށް އެތަނުގެ ވޭސްޓް މެނޭޖް ކުރާގޮތް ބަލައި ދިރާސާކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ އެންމެ ބޮޑު އަމާޒަކީ ކުނިން ހަކަތަ އުފެއްދޭނެ ނިޒާމެއް ގާއިމް ކުރުން، އަދި މީގެ ތެރެއިން ބައެއް ކުނިން ގަސް ކާނާ އުފައްދައި މި ސިޓީގެ ދަނޑުވެރިންނަށް ފޯރުކޮށް ދިނުން،" އޭނާ ވިދާޅުވި އެވެ.

ތޮއްޔިބް ވިދާޅުވީ "ރުއްޖެހެރަ" ތެރޭގައި މިހާރު އޮތް ކުނި ގޮޑު އެހެން ތަނަކަށް ބަދަލު ކުރަން ވެސް ނިންމާފައިވާ ކަމަށެވެ. އެގޮތުން ވޭސްޓް މެނޭޖް ކުރަން ހަވާލުވާ ފަރާތަކުން އެ ކުނި ގޮޑު އެހެން ތަނަކަށް ބަދަލުކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކުނި ގޮނޑު ބަދަލު ކުރުމަށް ކައުންސިލުން ހަމަޖައްސާފައި ވަނީ އާރްއޭފް އިންޖީނުގޭގެ ފުރަގަހުން އެކަމަށް ހާއްސަކޮށްފައިވާ ބިމަކަށެވެ.