Last Updated: June 23, 14:00
Tuesday, June 23, 2026
ޚަބަރު

ޕީޖީ ގްރޫޕްގެ އިސްވެރިން ލަންކާ އަށް ދިޔައީ 2018 ގެ ކެމްޕޭނަށް

ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގައި ހިމެނިވަޑައިގަންނަވާ ބައެއް މެމްބަރުން އަވަށްޓެރި ސްރީ ލަންކާ އަށް ރޭ ގޮސްފައި ވަނީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ކަމަށް ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަދި ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް ޕީޖީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހަސަން މަނިކު އާއި އަބްދުއް ރަހީމްގެ އިތުރުން މެމްބަރު ފަލާހު އާއި މުހައްމަދު އިސްމާއިލް އާއި އަހުމަދު ޝިޔާމް ރޭގެ ލަންކާއަށް ދިއުމާއި ގުޅިގެން ހަލީލް ވިދާޅުވީ އެ ވަފްދު ލަންކާއަށް ގޮސްފައިވަނީ ލަންކާގައި ދިރިއުޅުއްވާ ރައީސް ޔާމީންގެ ސަޕޯޓަރުންނާއި ބައްދަލުކޮށް ކެމްޕެއިން ކުރެއްވުމަށް ކަމަށެވެ.

ހަލީލް ވިދާޅުވީ މީގެ ކުރިންވެސް ޕީޕީއެމްގެ އިސް ވަފުދެއް ލަންކާއަށް ގޮސް އަންނަ ރިޔާސީ އިންތިހާބްގެ ކެމްޕެއިން އާއި ގުޅޭ ގޮތުން މަސައްކަތް ކޮށްފައިވާ ކަމަށެވެ.

މި ވަފުދު ލަންކާގެ އެއާޕޯޓުގައި ތިއްބާ ނަގާފައިވާ ފޮޓޯ ތަކެއް ރޭ ވަނީ ސޯޝަލް މީޑިއާގައި ދައުރުވާން ފަށާފައެވެ. ބައެއް މީޑިއާތަކުން ބުނާ ގޮތުގައި ނިހާން އާއި އިތުރު މެމްބަރުން ލަންކާއަށް ގޮސްފައިވަނީ މަޖްލިސްގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ޕީޕީއެމްގެ 10 މެމްބަރަކު ސޮއި ކޮށްފައިވާތީ އެ މެމްބަރުންނާއި ބައްދަލު ކުރުމަށް ކަމަށެވެ.