Last Updated: June 22, 20:19
Monday, June 22, 2026
ކުޅިވަރު

ލުކާކޫ ޔުނައިޓެޑާ ގުޅުމާ ގާތަށް

އެވަޓަންގެ ފޯވާޑް ރޮމެލޫ ލުކާކޫ ކުލަބު ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާއި ގުޅުމަށް އެއްބަސްވެއްޖެއެވެ.

އިނގިރޭސި މީޑިޔާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެވަޓަންއާއި ޔުނައިޓެޑާއި ދެމެދު މިހާރުވަނީ އެއްބަސްވުމަކަށް އާދެވިފައެވެ. ޚަބަރު ލިބޭ ގޮތުގައި ޔުނައިޓެޑަށް ލުކާކޫ ގެނައުމަށް 75 މިލިއަން ޕައުންޑާއި ގާތްކުރާ އަދަދެއް ޔުނައިޓެޑޫން ވަނީ ހުށައަޅާފައެވެ.

މިދިޔަ ސީޒަނުގައި 25 ލަނޑު ޖަހާފައިވާ ލުކާކޫ ވަނީ ސީޒަން ނިމުމާ ގާތަށްދިޔަ އިރު ކުލަބު ދޫކޮށްދާން ބޭނުންވާ ކަމަށް އަންގާފައެވެ. އޭރުއްސުރެ ލުކާކޫ ގެންނަން އޭނާގެ ކުރީގެ ކޯޗު، ޖޯސޭ މޮރީނިއޯ މަސައްކަތް ކޮށްފައިވާ ކަމަށް އަޑުފެތުރިފައިވެއެވެ.

ރެއަލް މެޑްރިޑްގެ ސްޓްރައިކަރު އަލަވާރޯ މޮރާޓާ ގަތުމަށް ޔުނައިޓެޑުން މަސައްކަތްކޮށްފައިވާއިރު ރެއާލް އިން ވަނީ 90 މިލިއަން ޔޫރޯ ހުށައެޅުމަށް ބުނެ ޔުނައިޓެޑުން ކުރި ބިޑް އަނބުރާ ފޮނުވާލާފައެވެ.

ލުކާކޫ ގުޅެން ތައްޔާރުވަމުން އަންނައިރު ޔުނައިޓެޑުން މޮރާޓާ ހޯދުމަށް ކުރި މަސައްކަތް މިހާރު ވަނީ ނިމުމަކަށް ގެނެސްފައެވެ. އަންނަ ހަފްތާގައި ޔުނައިޓެޑު ޓީމު ޕްރީ ސީޒަނަށް އެމެރިކާއަށް ފުރުމަށް ތައްޔާރުވަމުން އަންނައިރު އޭގެ ކުރިން ލުކާކޫ ސޮއި ކުރާނެ ކަމަށް ބެލެވެއެވެ.

މަސްދަރު: ބީބީސީ