Last Updated: June 23, 14:00
Tuesday, June 23, 2026
ޚަބަރު

އައްޑޫ "ދޮންދީނި" މޮނިއުމެންޓް ނަގައިފި

އައްޑޫގައި ބޭއްވި 17 ވަނަ ސާކް ސަމިޓާއި ދިމާކޮށް ގަމާއި ފޭދޫ ގުޅޭ ކޯޒްވޭ ކައިރީގައި ބަހައްޓާފައިވާ "ދޮންދީނި" މޮނިއުމެންޓް ހައުސިން މިނިސްޓްރީ އާއި އެމްއާރްޑީސީ ގުޅިގެން ނަގައިފިއެވެ.

އައްޑޫއަށް ވައިގެ މަގުން ޒިޔާރަތްކުރާ ފަރާތްތަކަށް އެންމެ ފުރަތަމައަށްވެސް އަޅައިގަންނަ އައްޑޫގެ ރަމްޒަކީ "ދޮންދީނި" މޮނިއުމެންޓެވެ.

ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރ ހަސަން ނާޒިލް ވިދާޅުވީ މޮނިއުމެންޓް ނެގީ އޭގެ މަރާމާތަށް ކަމަށާއި، މަސައްކަތް ކުރަނީ ޖުލައި 26 ވަނަ ދުވަހަށް އަލުން ދޮންދީނި މޮނިއުމެންޓް ބެހެއްޓުމަށްކަމަށެވެ.

"މޮނިއުމެންޓްގެ ބުޑު ވަރަށް ބޮޑަށް ފީވެ، ދަނބަރު ވެއްޓޭތީ މަރާމާތަކަށް ނެގީ، އެހެން ހުއްޓާ މީހަކަށް ނުވަތަ އެއްޗަކަށް ގެއްލުމެއް ވެދާނެތީ، ވަކި އިތުރު ކަމެއް އޮވެގެންނެއް ނޫން" ނާޒިލް ވިދާޅުވިއެވެ.

ދޮންދިނި މޮނިއުމެންޓް ނެގުމާއި ގުޅިގެން އެކި މީހުން ދަނީ ތަފާތު ހިޔާލު ފާޅު ކުރަމުންނެވެ. އެގޮތުން ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ބުނެފައިވަނީ އެ މޮނިއުމެންޓް ނެގީ ބްރިޖް ކައިރީ ބަހައްޓަން މާލެ ގެންދިއުމަށް ކަަމަށެވެ.

އެގޮތަށް ބައެއް ފަރާތްތަކުން ވާހަކަ ދައްކަމުންދަނީ ސާކް ސަމިޓާއި ގުޅިގެން އައްޑޫއަށް ގެނައި ސާމާންތަކާއި، އައްޑޫގައި ބަހައްޓަން މީގެ ކުރިން ގެނައި ޖަނަރޭޓަރ ސެޓް މާލެ ގެންގޮސްފައިވާތީއެވެ.

އަދި ބައެއް ފަރާތްތަކުން ބުނެފައިވަނީ އެ މޮނިއުމެންޓް ނެގީ ސިހުރު ހަދާފައިވާތީ ކަމަށެވެ.