Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

މައުމޫނާއި ނަޝީދަށް ސައީދު ވަރަށް ބޮޑަށް ފާޑު ކިޔައިފި

ރައީސް ޔާމީން އާއި އިކޮނޮމިކް މިނިސްޓަރ ސައީދު. ފޮޓޯ: ވީމީޑިއާ

ރާއްޖޭގެ ރައީސްކަން ކުރައްވާފައިވާ ދެރައީސުން މާޒީ އެއްކައިރި ކޮށްލުމަށް ފަހު އެކުގައި މަސައްކަތް ފައްޓަވާފައި ވަނިކޮށް ދެ ބޭފުޅުންނަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ސައީދު ރޭ ޓުވީޓު ކުރައްވަމުން ވިދާޅުވެފައިވަނީ މައުމޫނަކީ ޖަލުގައި ލާއިންސާނީ އަނިޔާ އެތައް ބަޔަކަށް ދީފައިވާ ވެރިއެއްކަން އަންގައިދިނީ ނަޝީދު ކަމަށެވެ. އަދި ނަޝީދަކީ ލާދީނީ ވެރިއެއް ކަން ބުނެދިނީ މައުމޫން ކަމަށެވެ. ގައުމާއި ދީނަށް ޚިޔާނާތްތެރިވި ކަމުގެ ތުހުމަތު ކޮށްފައި މިއަދު އެކަކު އަނެކަކަށް މާފުކުރުމުން ނިމުނީތޯ ސައީދު ވަނީ ސުވާލު އުފައްދާފައެވެ.

ރައީސް މައުމޫނާއި ނަޝީދު އެކުގައި ސިޔާސީ ގޮތުން މަސައްކަތް ފައްޓަވާފައިވާއިރު ދެ ލީޑަރުންނަކީ ރާއްޖޭގައި އެންމެ މަގުބޫލު، އެންމެ ސަޕޯޓަރުން ގިނަ ދެ ލީޑަރުންނެވެ. އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން މައުމޫން ވިދާޅުވެފައިވަނީ މާޒީ ހަނދާނުން ފޮހެލުމަށްފަހު ވިސްނަންވީ ކުރިމަގަށް ކަމަށެވެ. އަދި މިވަގުތު ދިވެހި ގައުމަށް އެންމެ ރަނގަޅު ގޮތަކީ ދެބޭފުޅުން އެކުގައި މަސައްކަތް ކުރުން ކަމަށް މައުމޫން ވިދާޅުވެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓަށް މަޖިލީހުގެ 45 މެމްބަރުންގެ ސޮޔާއެކު ހުށައެޅުމުން ސަރުކާރަށް ވަނީ މަޖިލީހުގެ މެޖޯރިޓީ ގެއްލިފައެވެ.