Last Updated: May 18, 20:05
Saturday, May 18, 2024
ޚަބަރު

އައްޑޫން ތައުލީމީ ސިޔާސަތު ފުރިހަމަ އަށް ތަންފީޒު ކުރޭ: މިނިސްޓަރު

އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން ސްކޫލްތަކުގެ ނަތީޖާ ރަނގަޅު ކުރުމަށް ޚާއްސަ މަޝްވަރާތަކެއް ކުރަމުންދާ ކަމަށާއި އައްޑޫ ސްކޫލްތަކުން އަބަދުވެސް ތަޢުލީމީ ސިޔާސަތުތައް ތަންފީޒު ކުރުމަށް ފުރިހަމަ އަށް އެއްބާރުލުން ދޭ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.

އައްޑު އަށް ކުރެއްވި ދަތުރުފުޅުގައި މިނިސްޓަރު ވަނީ ސްކޫލްތަކުގެ ޕްރިންސިޕަލުންނާ ބައްދަލު ކުރައްވައި ވަކިވަކި ދަރިވަރުންގެ ނަތީޖާ ރަނގަޅު ކުރެވިދާނެ ގޮތްތަކާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރައްވައިފަ އެވެ.

މި ބައްދަލުވުންތަކުގައި ވަނީ ވޭތުވެ ދިޔަ އަހަރުތަކުގައި ސްކޫލްތަކުގެ ވަކިވަކި ދަރިވަރުންގެ ނަތީޖާ ތަކާއިމެދު މަޝްވަރާ ކުރައްވައި، އެ ނަތީޖާތަކުގެ އަލީގައި ކިޔަވައި ދިނުމުގައި އިތުރަށް ސަމާލުކަން ދޭންވީ ކަންކަން ފާހަގަކުރައްވައިފަ އެވެ.

އަދި މި ފަހަރުގެ ބައްދަލުވުމުގައި މިނިސްޓަރު ވަނީ މިދިޔަ ފެބްރުއަރީ މަހު އައްޑޫގެ ސްކޫލްތަކުގެ ވެރިންނާ އެކު ބޭއްވި ބައްދަލުވުމުގައި ކަނޑައެޅި ލަނޑުދަނޑިތަކާ ހަމައަށް ވާޞިލުވެފައިވޭތޯ ވެސް ބައްލަވައިފަ އެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ތަޢުލީމީ ސިޔާސަތުގެ ބޭނުމަކީ ކޮންމެ ކުއްޖަކީ ބޭނުންތެރި، ޤައުމަށް ފައިދާ ހުރި، ބެލެނިވެރިން އެދޭފަދަ ކުދިންގެ ގޮތުގައި ސްކޫލް ސިސްޓަމް ތެރެއިން ތައްޔާރުކުރުން ކަމަށެވެ.

އަދި މި އަހަރަށް ޢަމާޒުކޮށްގެން ހިންގެވި ބީޓެކް ޕްރޮގްރާމާއި، ދަސްވާރު ޕްރޮގްރާމާއި ރިސްކް އެސެސްމެންޓުން ޙާސިލްކުރަން ބޭނުންވި ލަނޑުދަނޑި ކާމިޔަބުކަމާ އެކު ޙާސިލް ކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.

ބީޓެކް ޕްރޮގްރާމަށް އެކަނިވެސް 77 ކުއްޖަކަށް އެހީތެރިކަން ފޯރުކޮށް ދެއްވާކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

މިސްޓަރު އައްޑު އަށް ކުރެއްވި ދަތުރުުޅު ނިންމަވާލެއްވުމަށް ފަހު މިއަދު ހެނދުނު ވަނީ ފުރާ ވަޑައިގެންފަ އެވެ.