އެންމެ ފަހު ނޭވާއާ ހަމައަށް ދަންދެންވެސް ހުންނަވާނީ ރައީސް ޔާމީންގެ ފަހަތްޕުޅުގައި ކަމަށާއި ރައީސް ނަޝީދާއި ރައީސް މައުމޫން އަދި ގާސިމް އިބްރާހިމާ އެއްކޮށް ދުވަހަކުވެސް ނުދާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ޕީޖީ ގްރޫޕް ވަރަށް ބޮޑަށް ބައިބައިވެ މެމްބަރުންނާ މެދު ކޯފާވެވަޑައިގެން ރައީސް ޔާމީން ވައިބާ ގްރޫޕުން ބޭރުވެފައިވާއިރު ޕީޕީއެމްގެ ލީޑާޝިޕް "ކޮމްޕްރޮމައިޒް" ވެފައިވާ ކަމަށް ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިޔާގައި ބުނެ، ފާޑުކިޔަމުންނެވެ.
މި ދަނޑިވަޅުގައި ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން ވަނީ ކުއްލި ގޮތަކަށް ލަންކާއަށް ވަޑައިގެންފައެވެ. ނަމަވެސް އެދަތުރަކީ 2018 ގެ ކެމްޕޭން ދަތުރެއް ކަމަށް ޚަލީލް ވަނީ ވިދާޅުވެފައެވެ.
ރައީސް ޔާމީނަށް މަޖިލީހުގެ މެޖޯރިޓީ ގެއްލިފައިވާއިރު ޕީޕީއެމްގެ ޕީޖީ ގްރޫޕް ލީޑަރު، އަހުމަދު ނިހާން ހުސެއިންމަނިކު ވަނީ މެމްބަރުންގެ ފަރާތުން ރައީސް ޔާމީނާއި ސަރުކާރާއި އެއްކޮށް ތިއްބެވުމަށް ތަކުރާރުކޮށް އެދިވަޑައިގެންފައެވެ. ނަމަވެސް ޕީޕީއެމްގެ 10 މެމްބަރުން ވަނީ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓަށް ހުށައެޅުމަށް ސޮއިކޮށްފައެވެ.
އޭގެ ފަހުން ދިއްދޫ ދާއިރާގެ ޕީޕީއެމް މެމްބަރު ލަތީފް ވަނީ ޕާޓީއިން ވަކިވެވަޑައިގެންފައެވެ. އަދި ޕީޕީއެމް ޕީޖީ ގްރޫޕުގެ ލީޑަރު ކަމުން ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް ވަނީ އިސްތިއުފާވެސް ދެއްވާފައެވެ. މީގެ އިތުރުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ވަނީ ލަންކާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ބައްދަލުވެސް ކުރައްވާފައެވެ.