Last Updated: June 22, 20:19
Monday, June 22, 2026
ކުޅިވަރު

ތުއްތު ބްރޭޑްލީ ފުޓުބޯޅައިގެ ދުނިޔެ އަށް އަލްވަދާއު ކިޔައިފި

ސަންޑަލޭންޑުގެ ޒުވާން ސަޕޯޓަރު، ބްރޭޑްލީ ލޯވްރީ ކެންސަރުގެ ބައްޔަށް ފަރުވާ ހޯދަމުންދަނިކޮށް އިއްޔެގެ ވަގުތެއްގައި ދުނިޔެ ދޫކޮށްފިއެވެ.

އުމުރުން 18 މަހުގައި ކެންސަރު ބަލީގެ ޝިކާރައަކަށް ވެފައިވާ ބްރޭޑްލީ އެންމެ ފުރަތަމަ ފެނިގެން ގޮސްފައިވަނީ މިދިޔަ ސީޒަނުގައި ސަންޑަލޭންޑުގެ މެސްކޮޓަށްވެ އޭނާގެ ފުޓުބޯޅައިގެ ބަތަލު، ސަންޑަލޭންޑުގެ ފޯވާޑް ޖެމެއިން ޑެފޯއާ ބައްދަލުވުމަށް ފަހުގައެވެ.

ޑެފޯގެ އެންމެ ގާތް އެކުވެރިޔަކަށް ބްރޭޑްލީ ވަނީ އެދުވަހުން ފެށިގެން ވެފައެވެ. ޑެފޯ ދިޔައީ ބްރޭޑްލީގެ ސިއްހީ ހާލަތު ވަރަށް ކައިރިން ބަލަމުންނެވެ. ޑެފޯ ވަނީ ބްރޭޑްލީގެ އާއިލާއަށް ގުޅައި އަދި ބައެއް ފަހަރު ޒިޔާރަތްވެސް ކޮށް ހާލު އޮޅުންފިލުވާ ހަދާފައިވެއެވެ.

ފާއިތުވެދިޔަ ތިން މަހުގައި ބްރެޑްލީގެ ހާލު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. ބްރޭޑްލީގެ މަންމަ، ޖެމާ ލޯވްރީ ފޭސްބުކްގައި ބްރޭޑްލީގެ ޕޭޖުގައި ވަނީ އޭނާގެ ހާލު ދެރަވެ، ގައިގައި ވަރު ދޫވުމުގެ ސަބަބުން ހިނގާ އުޅުމަށްވެސް ވަނީ ދަތިވެފައި ކަމަށެވެ.

އުމުރުން ހަ އަހަރުގައި ބްރޭޑްލީ ނިޔާވެފައިވާއިރު އޭނާގެ އެންމެ ގާތް އެކުވެރިޔާ، ޑެފޯ ވަނީ އަންގާރަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ބްރޭޑްލީގެ ވާހަކަ މީޑިޔާއާ ހިއްސާކޮށްފައެވެ. ޑެފޯ ބުނެފައިވަނީ އޭނާގެ ހިތުގައި ބްރޭޑްލީއަށް އަބަދުވެސް ޖާގަ އޮންނާނެ ކަމަށެވެ.