Last Updated: April 26, 18:02
Friday, April 26, 2024
ރިޕޯޓް

ދެބޭންގެ ހުނަރުން އުފެއްދި "ބްލިންގް ބްލިންގް" ވިދަނީ

ޝުރުފާ އަދި ފާތުން

ތަފާތު ހުނަރުވެރިން މުޖްތަމައު ތެރެއިން ފެންނަނީ ވަރަށް މަދުންނެވެ. އަމުދުން އެމީހެއްގެ ހުނަރެއް ދައްކާލަން ނިކުންނަނީ ވެސް ނިސްބަތުން މަދު ބައެކެވެ. އެކަމަކު މަދުން ނަމަވެސް ނިކުންނަ ހުނަރުވެރިންނަށް ގިނަ މީހުން މަރުހަބާ ކިޔަނީ އުފަލާ އެކު އެވެ.

މީގެ ތިން އަހަރު ކުރިން އުފެދުނު "ބްލިންގް ބްލިންގް" ވިޔަފާރި ޕޭޖަކީ ވެސް ހުނަރުވެރި ދެ ޒުވާނެއްގެ ހުނަރު ފެނިގެންދާ ޕޭޖެކެވެ. އެއްބަޑު އެއްބަފާ ދެ ޒުވާނުން ނިކުތީ މުޅިން ތަފާތު ވިޔަފާރިއަކާއިގެންނެވެ. މި ދެ ހުނަރުވެރިންގެ ވާހަކައަށް ދިޔުމުގެ ކުރިން އެ މީހުންގެ ހުނަރަކީ ކޮބައިކަން ބުނެދޭނަމެވެ. މޭކަޕް އެންޑް ހިޖާބް ސްޓައިލިންގް އެވެ.

ބްލިންގ ބްލިންގުން މޭކަޕް އަދި ހިޖާބް ފޮޓޯ ބްލިން ބްލިން ފޭސްބުކް ޕޭޖް

ހިތަދު އަށް އުފަން ދެބެއިން ކަމުގައިވާ މަރިޔަމް ޝުރުފާ އާއި ފާތިމަތު ރަޝީދަކީ މިހާރު ހާއްސަ މުނާސަބަތަކަށް ތައްޔާރުވާ ގިނަ ބައެއްގެ ފުރަތަމަ ޗޮއިސްއެވެ. ޝުރުފާ ހިޖާބް އަޅާ ދޭއިރު މޭކަޕް ކޮށްދެނީ އޭނާގެ ދައްތައެވެ. ޝުރުފާ ބުނިގޮތުން މިކަމަށް އޭނަ ޝައުގު އުފެދުނީ ބެންގަލޫރުން ފެޝަން ޑިޒައިންނިންގް ކޯހެއް ހަދައިގެން ރަށަށް އައުމުން އެކުވެރިންގެ އެދުމަށް ހިޖާބް އަޅައިދޭން ފެށުމުންނެވެ.

ބްލިންގ ބްލިންގުން މޭކަޕް އަދި ހިޖާބް ފޮޓޯ ބްލިން ބްލިން ފޭސްބުކް ޕޭޖް

އެހާ ހިސާބުން މި މަސައްކަތް އެހެން ހަރުފަތަކަށް ގެންދެވޭނެކަން ޝުރުފާއަށް ޔަގީންވިއެވެ. އެކުވެރިންނަށް ހިޖާބު އަޅައިދެމުން ގޮސް އެންމެ ފަހުން ޕޭޖެއް ހަދައި އެއަށް ފޮޓޯލާން ފެއްޓި ހިސާބުން މީހުންނަށް އޭނަގެ ހުނަރު ފެނިގެންދިޔަ އެވެ. އެތަށް ބައެއްގެ ތަރުހީބާއި ތައުރީފް މިކަމަށް ލިބި ވިޔަފާރިއެއްގެ ގޮތުގައި މި ކަންތަށް ފެށުނެވެ.

ފާޠިމަތު ރަޝީދާ، މޭކަޕް ކޯސް ފުރިހަމަ ކުރުމަށް ފަހު، ފޮޓޯ ބްލިންގ ބްލިންގް ފޭސްބުކް ޕޭޖް

ޝުރުފާ ފެއްޓި މަސައްކަތަށް އޭނާގެ ދައްތަގެ އެހީތެރިކަން ލިބެން ފެށީ މޭކަޕްގެ ދާއިރާއިންނެވެ.ސަބަބަކީ މޭކަޕް ކުރުމަށް ޑިމާންޑް ބޮޑުވެ މި މަސައްކަތް އެކަނި ޝުރުފާއަށް ކުރުމަށް ދަތިވުމުންނެވެ.

ފާތުން އަކީ މޭކަޕް ކުރުމަށް ޝައުގުވެރި ޒުވާނަކަށްވެފައި ޑިމާންޑް ބޮޑުވުމުން ކޮއްކޮ އަށް އެހީވެ މި ކަން އިތުރަށް ފުޅާކުރުަމސް ދެބެއިން ނިންމިއެވެ. އެހެންކަމުން އިތުރަށް މިކަން ދަސްކުރުމުގެ ގޮތުން ލަންކާގައި އިތުރު ކޯހެއް ފާތުން ފުރިހަމަ ކުރިއެވެ. ކޯހުން އެންމެ މޮޅު ދަރިވަރުގެ ސެޓެފިކެޓްވެސް އޭނަ ހޯދިއެވެ.

ބްލިންގް ބްލިންގް ގެ އުފެއްދުމެއް

ކޮއްކޮއެއްގެ ފޮޓޯޝޫޓަކަށް ހަދައިދިން ހެޑް ބޭންޑް ޕޭޖަށް ލުމުން އެކަމަށް ވެސް މީހުންގެ ތަރުހީބު ލިބުމުން މިކަން ވެސް ފަށަން ޝުރުފާ ނިންމިއެވެ. އެގޮތުން ނިމިގެން ދިޔަ ކުޑަކުދިންގެ ދުވަހަށް ޝުރުފާ ވަނީ ހެޑްބޭންޑް ގެ އިތުރަށް އޭނަ ވަނީ ގާރޑަން ތީމަށް ހެދުންތަކެއްވެސް ފަހާދީފައެވެ. އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ހިޖާބް އަޅައިދޭން ދިޔަޔަސް ވަކިން އޮންނަ ހުޅުމީދޫންވެސް ފުރުސަތެއް ލިބިއްޖެ ނަމަ "ބްލިންގް ބްލިންގުން" އެރަށަށް ދިއުމަށްވެސް އޮތީ ތައްޔާރަށެވެ.


މިކަމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ޝުރުފާ ބުނަނީ ގިނަ ތަކެތި އެއްތަނަކުން ނުލިބުމެވެ. އޭގެ އިތުރުން އަމިއްލަ ތަނެއް ނެތުމުން ވެސް ދަތިތަކެއް ކުރިމަތިވެއެވެ. އެހެންކަމުން މިކަމަށް ހައްލެއް ގެނައުމުގެ ގޮތުން ސްޓޫޑިއޯ އެއް ހުޅުވުމަށް އެމީހުން ދަނީ ވިސްނަމުންނެވެ. އޭގެ އިތުރަށް ހެދުން ފަހާދިނުމުގެ ހިޔާލު ޝުރުފާ ދަނީ ކުރަމުންނެވެ.

ކުޑަ އާއިލާއަކާ އެކު މި ވިޔަފާރި ކުރަމުން އަންނަ އިރު އާއިލާގެ އެހީތެރިކަން ވެސް މި ދެބެއިންނަށް ލިބެ އެވެ. އެހެންވެ މަންމަ އަދި ފިރިމީހާއަށް ހާއްސަ ޝުކުރެއް ދެމީހުންވެސް އަދާކުރެއެވެ. އޭގެ އިތުރުން އާއިލާގެ އެހެން މެމްބަރުންނާއި އެކުވެރިންނަށް ވެސް އެމީހުންގެ ޝުކުރު ހައްޤެވެ.

މި ދާއިރާ އަށް ކުދިންތަށް ނިކުމެ ދާއިރާ ފުޅާވަމުން ދިޔުން މިއީ ބޮޑު ކާމިޔާބީ އެއް ކަމަށް އެމީހުން ބުނެ އެވެ. ދާއިރާ އަށް އަލަށް ނިކުންނަ ކުދިންނަށް އެ ދެ މީހުން ކާމިޔާބީ އަށް އެދޭ އިރު 'އައްޑޫ ލައިވް' އިން އެދެނީ އެ ދެބެއިންނަށް ވެސް އިތުރު ކާމިޔާބީ އާއި ކުރިއެރުމެވެ.