ވެރިކަން ކުރާ ޕާޓީ ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ޗެޓްތައް ލީކްވަމުން ދަނިކޮށް އިދިކޮޅު އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީކްތަކެއް ކަމަށް ބުނެ ފޭކް ޗެޓް ލޮގްތަކެއް ސޯޝަލް މީޑިއާ އަށް ދޫކޮށްލައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު "އައްޑޫލައިވް" އަށް ވިދާޅުވީ އެމްޑީޕީގެ ޕީޖީ ވައިބަ ގްރޫޕްގައި މުއާމަލާތެއް ނުކުރާތާ މަސް ދުވަސް ވެދާނެ ކަމަށާއި، މީގެ ކުރިން ވެސް ވައިބަ ގްރޫޕްގައި މުޅިން ވެސް ހުންނާނީ މުހިއްމު އެންގުންތައް ކަމަށެވެ.
އެމްޑީޕީ ޕީޖީ ގްރޫޕް ލީކްކަމަށް ބުނެ ހަދާފައިވާ ޗެޓްލޮގް ގައިވަނީ މީދޫ ދާއިރާގެ މެމްބަރ ރޮޒެއިނާ އާއި ޕީޖީ ގްރޫޕް ލިޑަރ އިބްރާހިމް މުހައްމަދު ސޯލިހް އަދި އެމްޑީޕީން ވަކިވިކަމަށް ޕީޕީއެމްއިން ސޯޝަލް މީޑިއާގައި ފަތުރަމުން ދާ ވައިކަރަދޫ ދާއިރާގެ މެމްބަރ މުހައްމަދު ނާޒިމްގެ ޗެޓްތަކެކެވެ.
ނިޒާރު ވިދާޅުވީ ޕީޖީ ގްރޫޕްގެ މެމްބަރުން ތިއްބެވީ ބަދަހިކޮށް ކަމަށާއި އިއްޔެ ހަވީރާއި ރޭވެސް ނާޒިމްގެ ސާބިތުކަން ފެނިގެން ގޮސްފައިވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ވައިބަ ގްރޫޕްގައި އެއްވެސް އެއްޗެއް ނުޖަހާތާ މަސް ދުވަސް ވެދާނެ، އަނެއްކޮޅުން އެ ކަހަލަ ވާހަކަތަކެއް ދުވަހަކުވެސް ވައިބަގައި ޑިސްކަސް ނުކުރަން، އެއަށް ވުރެ ކައިރީގައި އެންމެން މި ތިބެނީ. ދެން ކީއްކު ރާ ޗެޓް ކުރަނީ؟ ބޭނުން ސުވާލެއް އެބަ ކުރެވޭ، އޮޅުން އެބަފިލުވޭ،"
ނާޒިމް އެމްޑީޕީން ވަކިވާން ފޮނުވި ސިޓީއެއް ކަމަށް ބުނާ ސިޓީއެއްވެސް ސޯޝަލް މީޑިއާގައި ދައުރުވަމުން އެބަދެއެވެ. ނަމަވެސް ރޭ ނާޒިމް ވަނީ ރާއްޖެޓީވީގެ ލައިވް ޕްރޮގްރާމެއްގައި އެވާހަކަތައް ދޮގު ކުރައްވާފައެވެ.
އެމްޑީޕީ އާއި ގުޅޭ ޗެޓް ލޮގެއް ތައްޔާރުކޮށްފައި މި ވަނީ ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ވައިބަރ ލީކް ވަމުން ދަނިކޮށެވެ.
އެންމެ ފަހުން ލީކްވި ޗެޓްތަކުގައި ރައީސް އަބްދުﷲ ޔާމީން ވަނީ ވައިބާ ގްރޫޕުން ބޭރުކޮށް ދޭން އެދިފަ އެވެ.