Last Updated: June 23, 14:00
Tuesday, June 23, 2026
ޚަބަރު

މެމްބަރުން ތިބީ ސާބިތުކަމާ އެކު އިސްލާހީ މަސައްކަތުގައި: މުސްޠަފާ

ރައްޔިތުންގެ މަޖްލިސްގެ މެމްބަރުންގެ އަގު ވައްޓާލަން ސަރުކާރު އަޑީގައި އޮވެގެން ދޮގު ހަބަރު ފަތުރަމުން އަންނަ ކަމަށާއި، އެފަދަ ވާހަކަތައް ގަބޫލު ނުކުރުމަށް ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްޠަފާ ގޮވާލައްވައިފިއެވެ.

އިދިކޮޅު އެމްޑީޕީގެ ތިން މެމްބަރަކު ވަރަށް އަވަހަށް ޕީޕީއެމް އާއި ގުޅޭނެކަމަށް ސޯޝަލް މީޑިއާގައި ހަބަރު ފެތުރިފައި ވަނިކޮށް، މުސްޠަފާ ވިދާޅުވީ، މެމްބަރުން ތިއްބެވީ ސާބިތު ކަމާއި އެކު އިސްލާހީ މަސައްކަތުގައި ކަމަށެވެ.

ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އެމްޑީޕީން ވައިވެވަޑައިގެންނެވުމަށް ފޮނުއްވި ސިޓީއެއްކަމަށް ބުނާ ސިޓީއެއްވެސް ސަރުކާރަށް ތާއިދު ކުރާ ފަރާތްތަކުން ދަނީ ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުންނެވެ. ނަމަވެސް ނާޒިމް ވަނީ އެ ހުރިހާ ވާހަކަތަކެއް ދޮގު ކުރައްވާފައެވެ.

މުސްޠަފާ އާއި އިތުރު އިދިކޮޅު މެމްބަރުން ދަނީ އެމެމްބަރުންނާއި ގުޅޭ ގޮތުން ފަތުރަމުންދާ ވާހަކަ ތައް ދޮގު ކުރައްވަމުންނެވެ.

އިދިކޮޅު މެމްބަރުންތައް ޕީޕީއެމް އާއި ގުޅެން އުޅޭކަމަށް އަޑު ފެތުރު ނަމަވެސް ފާއިތުވި ދުވަސް ތަކުގައި ޕީޕީއެމްގެ ދެ މެމްބަރަކު ވަނީ ޕާޓީން ވަކިވެވަޑައިގެންފައެވެ. އެގޮތުން ރޭ ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީވެސް ވަނީ ޕީޕީއެމްއިން ވަކިވެވަޑައިގެންފައެވެ.