Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ޕީޕީއެމަކީ ފެތެމުންދާ އޮޑިއެއް، އެއަކަށް ނާރާނަން: މަރްޒޫގް

ވެރިކަންކުރާ ޕީޕީއެމްއަކީ މިއަދު ފެތެމުންދާ އޮޑިއެއް ކަމަށާއި އެއޮޑިއަށް އަރާކަށް ގަސްތެއް ނުކުރާކަމަށް ބުނެ ފެލިދޫ ދާއިރާގެ މެމްބަރު އަހުމަދު މަރްޒޫގް އޭނާ ޕީޕީއެމްއާއި ގުޅެން އުޅޭ ކަމަށް ދެކެވެމުން އައި ވާހަކަތައް ދޮގުކޮށްފިއެވެ.

ރައީސް ޔާމީނަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ގެއްލިފައިވާއިރު މިދަނޑިވަޅުގައި ބައެއް އިދިކޮޅު މެމްބަރުން ޕީޕީއެމްއާއި ގުޅުމަށް އުޅޭކަމަށް އަޑުވަނީ ފެތުރިފައެވެ.

އެގޮތުން ވައިކަރަދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމާއި ފެލިދޫ ދާއިރާގެ މެމްބަރު އަހުމަދު މަރުޒޫގާއި މުލަކު ދާއިރާގެ މެންބަރު އިބްރާހީމް ނަސީރު ސަރުކާރާއި ގުޅެން އުޅޭ ވާހަކަތައް ސޯޝަލް މީޑިޔާގައި އަންނަނީ ދެކެވެމުންނެވެ.

ނަމަވެސް ތިން މެމްބަރުންވެސް ވަނީ އެވާހަކަތައް ދޮގުކޮށްފައެވެ. މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓަށް ހުށައެޅުމަށް 45 މެމްބަރުން ސޮއިކޮށްފައިވާއިރު ސަރުކާރުގައި ހިމެނިވަޑައިގަންނަވާ 10 މެމްބަރަކުވެސް ވަނީ އެލިސްޓުގައި ސޮއިކޮށްފައެވެ.