މެންޗެސްޓާ ޔުނައިޓެޑު އަދި އިނގިރޭސި ގައުމީ ޓީމުގެ ކެޕްޓަން، ވޭން ރޫނީ އޭނާގެ ކުޑައިރުގެ ކުލަބު އެވަޓަންއަށް ބަދަލުވާން އެއްބަސްވެއްޖެއެވެ.
އިނގިރޭސި މީޑިޔާތަކުން ރިޕޯޓުކުރާ ގޮތުގައި ރޫނީ ވަނީ ޔުނައިޓެޑު ކުޅުންތެރިން ގާތު އޭނާ އެވަޓަންއަށް ބަދަލުވާން ނިންމާފައިވާ ކަމަށް ބުނެފައެވެ. ޚަބަރު ލިބޭ ގޮތުގައި ހިލޭ ޓްރާންސްފާއެއްގައި ރޫނީ އެނބުރި އެވަޓަންއަށް ދަނީ ހަފްތާއެކު 150،000 ޕައުންޑުގެ މުސާރައަކަށެވެ.
ރޫނީ ޔުނައިޓެޑުގައި ހުރިއިރު މުސާރައަށް ހަފްތާއެކު 230،000 ޕައުންޑު ލިބެމުންދިޔައެވެ. މެންޗެސްޓާ ޔުނައިޓެޑަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ލަގަބު ހޯދާފައިވާ ރޫނީ ވަނީ 559 މެޗުން 253 ލަނޑު ޖަހާފައެވެ.
މެންޗެސްޓާ ޔުނައިޓެޑުގައި 13 އަހަރުގެ ދިގު މުއްދަތެއް ހޭދަކޮށްފައިވާ ރޫނީ ކުލަބު ދޫކޮށް ދާންއުޅޭ ޚަބަރު ގިނަ ސަޕޯޓަރުން ބަލައިގަންނަނީ ހިތްދަތިކަމާ އެކުގައެވެ. ނަމަވެސް ރޫނީ ކުލަބަށް ބޭނުންވާ ކުޅުންތެރިޔެއް ނޫން ކަމަށް ބުނެ މަދު ސަޕޯޓަރުންތަކެއް ދަނީ އުފާ ފާޅުކުރަމުންނެވެ.
ރޫނީގެ ކުރިމަގާމެދު މެންޗެސްޓާ ޔުނައިޓެޑުން އަދި ރަސްމީ ގޮތެއްގައި އެއްވެސް އެއްޗެއް ބުނެފައެއްނުވެއެވެ. ނަމަވެސް އެވަޓަންއާއި ޔުނައިޓެޑަށް ކުރިން ކުޅުނު ފިލް ނެވިލް ވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި ރޫނީ އެވަޓަން ޖާޒީއެއްގައި ހުރި ފޮޓޯއެއް ޝާއިއު ކުރުމަށްފަހު "މޮޅު ކުލަބެއް ދޫކޮށް މޮޅު ކުލަބަކަށް" ކެޕްޝަނުގައި ލިޔެފައިވެއެވެ.