ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު ޕީޕީއެމްއިން މިއަދު ވަކިވެވެޑައިގެންފިއެވެ.
އިލްހާމް ވަނީ މީގެ ކުރިން ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ ނައިބު ލީޑަރު ކަމުނާއި މަޖިލީހުގެ އިގްތިސޯދީ ކޮމިޓީގެ މުގައްރިރު ކަމުންވެސް އިސްތިއުފާ ދީފައެވެ.
މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓަށް ހުށައެޅުމަށް ސޮއިކުރި 45 މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އިލްހާމް މަޖިލީހުގެ ޕީޕީއެމް ތަމްސީލު ކުރާ އިސް މަގާމުތަކުން އިސްތިއުފާ ދެއްވީ ސޮއިކުރުމަށްފަހުގައެވެ.
އޭރު ރާއްޖެއިން ބޭރުގައި ހުންނެވި އިލްހާމް މިއަދު އިސްތިއުފާ ދެއްވަމުން ޕީޕީއެމަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ބޭނުންވާތީ މިއަދުން ފެށިގެން އެޕާޓީން ވަކިވުމަށް ނިންމާފައިވާ ކަމަށެވެ.