Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ވަކީލުންގެ ބައްދަލުވުމުގައި ވެސް އިމްރާން ބިޑި އަޅުވާފައި!

މޭޑޭ މުޒާހަރާގައި ދެއްކެވި ވާހަކަތަކާއި ގުޅިގެން ޓެރަރިޒަމްގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން އިއްވާފައިވާ 12 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޝެއިޚް އިމްރާން އަބްދުﷲ ވަކީލުންނާ އޭނާ ބައްދަލުކުރެއްވުމަށް ގެންނައިރުވެސް ބިނޑިއަޅުވާފައި ހުންނަ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އަދާލަތު ޕާޓީގެ ނައިބު ރައީސް އަދި އިމްރާނުގެ ގާނޫނީ ޓީމްގައި ހިމެނި ވަޑައިގަންނަވާ އަލީ ޒާހިރު ވިދާޅުވި ގޮތުގައި އިއްޔެ އިމްރާން އާއި ބައްދަލުކުރެއްވުމަށް ވަކީލު ވަޑައިގެންނެވި އިރުވެސް ހުންނެވީ ބިޑިއަޅުވާފައި ކަމަށެވެ.

ޝެއިޚް އިމްރާންގެ އަދަބު އިތުރަށް ބޮޑުކުރުވުމުގެ ގޮތުން މާފުށީ ޖަލުގެ ކުޑަ ގޮޅިއަކަށް ބަދަލުކޮށްފައިވާކަން ފާހަގަކުރައްވައި، އަލީ ޒާހިރު ވިދާޅުވީ، ވަކީލުންނާއި އެކު ބާއްވާ ބައްދަލުވުންތަކުގައި ބިޑި އަޅުވާފައި ބެހެއްޓުމަކީ މީގެ ކުރިން ކުރާ ކަމެއް ނޫން ކަމަށެވެ.

" މިއީ ކަނޑައެޅިގެން ޖެއްސުން ކުރުމުގެ ގޮތުން ހަސަދަވެރިވުމުގެ ގޮތުން ކުރެވެމުންދާ ކަންކަން. އެހެންވީމަ މިކަންކަން މިހިނދުން މިހިދަށް ހުއްޓާލައި ކަމާބެހޭ މުއްސަސާތަކުން މިކަންކަމަށް ފާރަވެރިވެ ބައްލަވައިދިނުމަށް ވެސް އެދެން،" އަލީ ޒާހިރު ވިދާޅުވިއެވެ.