އޮޑިޓް އޮފީހުން ނެރުނު ރިޕޯޓުގައި 314 މައްސަލައަކާ ގުޅިގެން 2،343 މީހުންނާ މެދު ފިޔަވަޅު އަޅައި ދައުލަތަށް ދޭން ޖެހޭ ފައިސާ ހޯދުމަށް ޝަރީއަތަށް ފޮނުވާނެ ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.
ރޭ ޓީވީއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި މިނިސްޓަރު ވިދާޅުވީ އެ ފައިސާގެ ޖުމުލަ އަދަދު 3.6 ބިލިއަން ރުފިޔާ އަށް އަރާ ކަމަށެވެ. އަދި އަމާޒަކީ އެންމެ ލޯ ލާރިއެއްވެސް ދޫނުކޮށް އެފައިސާ އަނބުރާ ދައުލަތަށް ހޯދުން ކަމަށް މުނައްވަރު ވިދާޅުވެފައިވެއެވެ.
އިދިކޮޅު އިއްތިހާދުގައި މަސައްކަތް ކުރައްވާ ބޭފުޅުންވެސް އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ކަމަށާއި އެއްވެސް ބޭފުޅަކު އިސްތިސްނާ ނުކޮށް އެފައިސާ ހޯދުމަށް ސަރުކާރުން ކުރައްވަން ޖެހޭ ކަމެއް އޭޖީއާއި ޕީޖީ ކުރަމުންދާނެ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
މުނައްވަރު އިތުރަށް ވިދާޅުވެފައިވަނީ އެމީހުން ޚިޔާނާތްތެރިވެފައިވަނީ ރައްޔިތުންގެ ފައިސާ އިން ކަމަށެވެ. އަދި އެފައިސާ އަކީ ދައުލަތަށް ލިބެން ޖެހޭ ފައިސާ ކަމަށާއި ޝަރީއަތަށް ގޮސްގެންވެސް އެފައިސާ ހޯދާނެ ކަމަށެވެ.
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އެމްއެމްޕީއާރްސީ އިން ފައިސާއަށް ޚިޔާނާތްތެރިވެފައިވާކަން ސާބިތުވެ ކޯޓުން ވަނީ ޖަލު ހުކުމެއް އޭނާގެ މައްޗަށް ކޮށްފައެވެ. ނަމަވެސް ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސެން އަރީފް ވަނީ އެމަނިކުފާނު ހުރި ތަނެއްގައި ރައީސް ޔާމީން ވަނީ އަދީބު ބަހަނީ ތިމަން މަނިކުފާނުގެ ފައިސާކަމަށް ވިދާޅުވިކަމަށް ހުވާކޮށްފައެވެ.