މިއަދު ހެނދުނު ރާއްޖޭގެ ސިޔާސީ މަސްރަހު ހޭލައްވާލާފައިވަނީ ރައީސް ޔާމީންގެ އެންމެ ގާތް އެއް މެމްބަރު ކަމަށްވާ މައްޗަނގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން ޕީޕީއެމުން ވަކިވި ހަބަރާއެކުގަ އެވެ.
ސިނާނާއެކު ދާދި ދެންމެއަކު ޕީޕީއެމްގެ އިތުރު ތިން މެމްބަރުންވެސް ވަނީ ރަސްމީކޮށް ޕާޓީން ވަކިވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ(މުހަންމާ)، ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އަދި ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަނުގައި މަސައްކަތް ކުރައްވާ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާއެވެ.
މުހަންމާ ޕާޓީން ވަކިވިކަން އަންގައި ރައީސް ޔާމީނަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ހާރު ރައްޔިތުންގެ މަޖިލީހަށާއި ކޯޓުތަކަށް ހުށަހަޅައިގެން ގާނޫނުތަކަށް ގެންނަން މަސައްކަތް ކުރާ ބަދަލުތަކަކީ ރައްޔިތުންނަށް އޭގެއިން އެއްވެސް ލާބައެއް ނުލިބޭ، އަދި ރައްޔިތުންނަށް ވަކާލާތުކުރުމަށް އެޅޭ ހުރަހަކަށް ވާތީ ޕާޓީން ވަކިވެވަޑައިގަތުމަށް ގަސްތުކުރާ ކަމަށެވެ.
ސައުދުﷲ ހިލްމީވެސް މިއަދު ޕާޓީން ވަކިވެފައިވާއިރު ސައުދު ވަނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓަށް ހުށައެޅުމަށް ސޮއިވެސް ކޮށްފައެވެ. އަދި ސައުދު ވަނީ ޕީޕީއެމްއިން ބައެއް މެމްބަރުންގެ ސޮއި ވަގަށް ނަގާފައިވާ ކަމަށް ބުނުމުން އޭނާގެ ސޮޔަކީ ސައްހަ ސޮޔެއް ކަމަށް ސޯޝަލް މީޑިޔާގައި ބުނެފައެވެ.
ޕީޕީއެމްއިން އެއް ދުވަހެއްގައި 4 މެމްބަރުން ވަކިވެފައިވާއިރު ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެފައިވަނީ ދާދި ފަހުން ޕާޓީގެ އިސް މެމްބަރުން ލަންކާއަށް ކުރެއްވި ދަތުރުފުޅަށްފަހު ވަރަށް އަވަހަށް އުފާވެރި ޚަބަރު ޕާޓީގެ މެމްބަރުންނަށް ލިބިގެންދާނެ ކަމަށެވެ.