ޕީޕީއެމް ޕީޖީ ގްރޫޕުގެ ހަތަރު މެމްބަރަކު މިއަދު ޕާޓީން އިސްތިއުފާ ދެއްވާފައިވަނިކޮށް އިތުރު ދެމެމްބަރަކު ޕާޓީން ވަކިވެއްޖެއެވެ.
އެންމެ ފަހަކަށް ޕާޓީން ވަކިވެފައިވާ ކަމަށް އިއުލާންކޮށްފައިވަނީ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) އާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދެވެ.
މި ދެމެމެމްބަރުންނަކީވެސް މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައެޅުމަށް ސޮއިކުރެއްވި ދެމެމްބަރުންނެވެ. ލިސްޓުގައި ހިމެނިވަޑައިގެންނެވި ޕީޕީއެމްގެ 10 މެމްބަރުންގެ ތެރެއިން މިހާރު ޕާޓީގައި ތިބި ހަމައެކަނި މެމްބަރުންނަކީ ވައްމުލަކު އުތުރު ދާއިރާގެ މެމްބަރު ޝާހު އާއި އިސްދޫ ދާއިރާގެ މެންބަރު އަހްމަދު ރަޝީދެވެ.
އަބްދުﷲ އަހުމަދުވެސް ޕާޓީން ވަކިވެފައިވަނީ ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ދެމިހުރެވޭނީ ޕާޓީން ވަކިވުމުން ކަމަށް ބަޔާންކުރެއްވުމަށް ފަހުގައެވެ.
މިއަދު ޕާޓީން ވަކިވެފައިވާއިރު މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް ވަނީ ސަރުކާރަށާއި ފިޝަރީޒް މިނިސްޓަރު ޝައިނީއަށް ފާޑުވިދާޅުވެފައެވެ.