ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާ ދެކޮޅަށް ދައުލަތުން ހުށައެޅި މައްސަލަ ކްރިމިނަލް ކޯޓުން މިރޭ ބޭރުކޮށްލައިފި އެވެ.
ކޯޓުން މައްސަލަ ބޭރުކޮށްފައި ވަނީ ޝަރީއަތަށް ޕީޖީގެ ވަކީލުން ހާޒިރުނުވުމުގެ ސަބަބުންނެވެ. މިރެ އަށް ތާވަލު ކުރި މި މައްސަލައިގެ އަ ޑުއެހުމަށް ޕީޖީގެ ވަކީލުން ހާޒިރުނުވުމުގެ ސަބަބުން ގާޒީ މައްސަލަ ކޯޓުން ބޭރުކޮށްފައިވާ އިރު މައްސަލަ އަލުން ހުށައަޅާ ނަމަ އެފުރުސަތު ގާޒީ ވަނީ ދައުލަތަށް ދީފަ އެވެ.
ގާސިމްގެ މައްޗަށް ރިޝްވަތުގެ ދައުވާ އުފުލާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގެ ކުރިން އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާގައި ދެއްކި ވާހަކައަކާ ގުޅިގެންނެވެ.
ދައުލަތުގެ ފަރާތުން ކޯޓުގައި ބުނެފައިވަނީ ގާސިމްގެ ވާހަކަތަކުގެ އަސްލު ބިނާވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ވޯޓުގެ ކުރިން ނުފޫޒު ފޯރުވައި ރިޝްވަތު ދިނުމަށެވެ. ނަމަވެސް ގާސިމް ވަނީ ތުހުމަތުތައް ދޮގުކޮށްފައެވެ.
ދެފަހަރެއްގެ މަތިން ގާސިމް ހައްޔަރުކޮށްފައިވާއިރު މިނިވަން ވުމަށްފަހު އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވެފައިވަނީ ރިޝްވަތު ދިނުމުގެ ދައުވާ އުފުލާފައިވިނަމަވެސް އެމަނިކުފާނުގެ ޕާޓީއާ އެއްވެސް މެމްބަރެއް ގުޅިފައިނުވާ ކަމަށެވެ. އަދި އެފަދަ ވާހަކައެއް އެއްވެސް މެމްބަރަކު ދައްކަވާފައިވެސް ނުވާ ކަމަށް ގާސިމް ވަނީ ވިދާޅުވެ ދައުލަތުގެ ތުހުމަތުތަކަށް ފާޑުވިދާޅުވެފައެވެ.