Last Updated: June 23, 11:50
Tuesday, June 23, 2026
ޚަބަރު

ބާރީ ޖުވަނައިލް ކޯޓަށް ބަދަލުކޮށްފި

ކްރިމިނަލް ކޯޓުގެ އިސް ގާޒީ ބާރީ. ފޮޓޯ: އަވަސް

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުލް ބާރީ ޔޫސުފް ޖުވަނައިލް ކޯޓަށް ބަދަލު ކުރަން ޖުޑިޝަލް ސާވިސް ކަމިޝަން (ޖޭއެސްސީ)އިން ނިންމައިފިއެވެ.

ރޭ ޖޭއެސްސީން ބޭއްވި ކުއްލި ބައްދަލުވުމެއްގައި ބާރީ ޖުވަނައިލް ކޯޓަށް ބަދަލު ކުރަން ނިންމިއިރު އެ ބައްދަލުވުމަށް ބާރީ ވަނީ ހާޒިރުކޮށްފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި ބާރީ ޖުވެނައިލް ކޯޓަށް ބަދަލު ކުރުމަށް ހުށަހަޅާފައިވަނީ ސްޕްރީމް ކޯޓުންނެވެ.

ބާރީ ޖުވަނައިލް ކޯޓަށް ބަދަލު ކުރަން ނިންމި އިރު ރޭ އިރާކޮޅު ޖުމްހުރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް އާއި ދެކޮޅަށް ހުށަހެޅިފައިވާ ތިން ދައުވާ ޕީޖީގެ ވަކީލުން ހާޒިރު ނުވުމުން ކޯޓުން ބޭރުކޮށްލިއިރު އެ މަޖްލިސްގެ ބެންޗުގެ އިސް ގާޒީއަކަށް ހުންނެވީ ބާރީއެވެ. އަދި އިއްޔެ ޖުމްހުރީ ޕާޓީގެ ނައިބް ލީޑަރ އަބްދުﷲ ރިޔާޒުގެ މައްސަލަ ނުބެލޭނެކަމަށް ނިންމި އިރުވެސް ބެންޗުގެ އިސް ގާޒީއަކަށް ހުންނެވީ ބާރީއެވެ.

ބާރީ އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމް އަދި އަދާލަތު ޕާޓީގެ ލީޑަރ ޝެއިހް އިމްރާން އަށް ދިގު މުއްދަތެއްގެ ހުކުމް ކުރެއްވި ފަނޑިޔާރެވެ.

މީގެ އިތުރުން ކުރީގެ ޕިޖީ މުހްތާޒު އާއި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބްގެ މައްސަލަ ބައްލަވައި ހުކުމް ކުރެއްވީ ވެސް އަބްދުލް ބާރީ ޔޫސުފްއެވެ.