Last Updated: May 5, 10:13
Sunday, May 5, 2024
ޚަބަރު

ބޭވަފާތެރި ވަނީ އަމިއްލަ އަށް ހެދޭ ގޯސްތަކުން؟

ކޮންމެ ގުޅުމެއްވެސް ކެނޑިގެންދާނެ ސަބަބުތަކެއް ވާނެއެވެ. ނަމަވެސް، ރިލޭޝަންޝިޕެއްގައި އުޅެފައި ބްރޭކްއަޕް ވާއިރު އެގުޅުން ކެނޑިގެންދާ ސަބަބުވެސް ގިނަ ފަހަރަށް އޮންނަނީ ނޭނގިފަ އެވެ. ހާއްސަގޮތެއްގައި އަންހެންކުދިންނަކީ ފިރިހެނުން ބޭވަފާތެރިވާ ވާހަކަ ތާއަބަދު ދައްކާ ބައެކެވެ.

ބްރޭކްއަޕް ވާއިރު ވީނުވީ އެއް ނޭނގި ކޮންމެވެސް އެކަކު ސުވާލު މާކެއްގެ ތެރޭގައި ހުންނަ ފަހަރުތައްވެސް މަދެއް ނޫނެވެ. އެހެންނަމަވެސް، ޤަބޫލުކުރަން ޖެހޭ ހަޤީޤަތަކީ ތިމާގެ ބައިވެރިޔާ ތިމާ ދޫކޮށްލާފައި ދިޔައީ ތިމާގެ ސަބަބުންކަމަށް ވެދާނެކަމެވެ. ބައެއް ސަބަބުތަކުގެ ވާހަކަ ކިޔައި ނުދިނަސް އެއީ އަމިއްލައަށް ދެނެގަންނަން ޖެހޭ ކަންކަމެވެ.

ބައިވެރިޔާ ދައްކާ ވާހަކަ އަޑުއަހާ
ހާއްސަ ގޮތެއްގައި އަންހެނުންނަކީ އަނެކާ ވާހަކަ ދައްކާއިރު ކަނުލައި އަޑުއެހުމުގެ ޤާބިލުކަން ކުޑަ ބައެކެވެ. ތިމާގެ ލޯބިވެރިޔާ ވާހަކަ ދައްކާ ވަގުތު ވާހަކަ ދައްކާނަމަ އެނާއަށް އިހުސާސްވާނީ އޭނާގެ އެއްވެސް އަގެއް ނެތްކަމެވެ. އެކަމަކީ ތިމާގެ ބައިވެރިޔާ ތިމާ ދެކެ އިންތިހާއަށް ފޫހިވެދާނެ ކަމެކެވެ.

އަބަދު އެކުވެރިންގެ ވާހަކަތަކަށް ސަމާލުކަން ނުދީ

ކޮންމެ މީހަކީވެސް ރައްޓެހިން ތިބޭ އަދި އެމީހުންނާއެކު ގިނަ ވަގުތުތަކެއް ހޭދަކުރާ ބައެކެވެ. އަބަދާއި އަބަދު ރައްޓެހިންނަށް ބަރޯސާވެގެން އުޅޭނަމަ ލޯބިވެރިޔާއަށް އެކަނިވެރިކަން އިހުސާސް ކުރެވޭނެއެވެ. ކޮންމެ ފަހަރަކު ކަންކަމުގައި ރައްޓެހިންގެ ޚިޔާލު ހޯދާލާ ފަދައިން ލޯބިވެރިޔާއާ ވެސް ކަންތައްތައް ހިއްސާކުރުން ވަރަށް މުހިއްމެވެ.

ރިލޭޝަންއަކީ އާއިލީ ކަމެއް ނޫން
ރިލޭޝަންއެއްގައި ދިމާވާ ކަންތައްތައް ދެބައިވެރިންގެ ދެމެދު ބޭއްވުމަކީ ވަރަށް މުހިއްމު ކަމެކެވެ. އާއިލާގެ މެމްބަރުންނާ ދިރިއުޅުމުގެ ހުރިހާ ކަމެއް ހިއްސާކުރި ނަމަވެސް ރިލޭޝަންއެއްގައި ހުންނައިރު އެއާދައަށް ބަދަލު ގެންނަން ޖެހެއެވެ. ދެބައިވެރިންގެ މެދުގައި ޖެހޭ މައްސަލަތައް ދެމީހުން އަމިއްލައަށް ވާހަކަދައްކައިގެން ހައްލުކުރުމުގެ ބަދަލުގައި އާއިލާގެ މެމްބަރުންނާ ހުރިހާ ކަމެއް ހިއްސާކުރަން ފަށައިފިނަމަ ބައިވެރިޔާ ތިބާއަށް ކުރާ އިތުބާރު ގެއްލިގެން ހިނގައިދާނެއެވެ.

ދާހާ ތަނަކަށް ލޯބިވެރިޔާ ގޮވައިގެން ނުދޭ!

ބޭރަށް ދާ ކޮންމެ ފަހަރަކު ލޯބިވެރިޔާ ގޮވައިގެން ދިޔުމުން އުފާވި ނަމަވެސް އަދި އެއީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. ބާޒާރަށް ދިއަޔަސް ސެލޫނަކަށް ދިޔައަސް ލޯބިވެރިޔާ ފަހަތު އަޅުވައިގެން ދާން ވެއްޖެނަމަ އެހެދެނީ ގޯހެކެވެ. ހުރިހާ ވަގުތެއް ލޯބިވެރިޔާއާއެކު ހޭދަކުރާނަމަ ދެމީހުން އެކުގައި ޑިނަރތަކަށް ގޮސް ބައްދަލުވެލާ ވަގުތުކޮޅު އެއްވެސް ހާއްސަ ވަގުތަކަށް ނުވާނެއެވެ. އޭރުން ވާނީ ހަމަ އާދައިގެ ކަމަކަށެވެ. އޭގެ ސަބަބުން ދެމީހުންގެ އެކުގައި ހޭދަކުރާ ވަގުތުތަކުގައި އެއްވެސް ހާއްސަކަމެއް ނެތި ދެމީހުންގެ މެދުގައި މައްސަަލަތައް ޖެހެން ފަށައެވެ.

މާޒީގައި މުސްތަޤްބަލެއް ނޯންނާނެ!

ކޮންމެ އިންސާނަކަށްވެސް ކުށްކުރެވޭނެ އެވެ. އެކަމަށް ކުރެވެން އޮތްހާވެސް ކަމަކީ މާޒީވެދިޔަ ތަނުން ފިލާވެޅު ލިބިގަނެ އެއީ ތިމާގެ މުސްތަޤްބަލެއް ނޫންކަން ޤަބޫލުކުރުމެވެ. ލޯބިވެރިޔާ ގާތު ތާއަބަދު ކުރީގެ ލޯބިވެރިންގެ ވާހަކަ ނުދައްކާށެވެ. އެއީ މާޒީއެވެ. އެވާހަކަތައް ދައްކަންވެއްޖެނަމަ ބައިވެރިޔާއަށް ޤަބޫލުކުރެވޭނީ ހަމަ އެއްކަލަ ކުރީގެ "އެކްސް" ދެެކެ އަދިވެސް ލޯބިވާކަމެވެ. އެހާހިސާބުން އެ ދެލޯބިވެރިން ގުޅުވުމަށްޓަކައިވެސް ސަބަބެއް ނުދީ ވަކިވެގެން ދަނީއެވެ.

ރައްޓެހިންގެ ގޯސް ވާހަކަތައް އެއްފަރާތްކުރޭ
ރިލޭޝަނަކަށް ދާއިރުވެސް ތިބާގެ ލޯބިވެރިޔާގެ އެކުވެރިން ތިބޭނެއެވެ. ނަމަނަމަ ލޯބިވެރިޔާގެ އެކުވެރިންގެ ކިބައިގައި ހުންނަ ނޭދެވޭ ކަންކަމުގެ ވާހަކަ ލޯބިވެރިޔާގެ ގާތުގައި ނުދައްކާށެވެ. އެހުރިހާކަމެއް އޭނާއަށް މާކުރިންވެސް އެނގޭނެއެވެ. އެވާހަކަތައް އޭނާއަށް އަލުން ކިޔައިދޭކަށް ނުޖެހޭނެއެވެ. ލޯބިވެރިޔާގެ އެކުވެރިންގެ ގޯސް ވާހަކަތައް ދައްކައި އެމީހުންނާ ދުރުވާން ބުނެފިނަމަ އޭނާއަށް އިހުސާސްކުރެވޭނީ އޭނާގެ މިނިވަންކަމަށް އަރައިގަންނަ ހެންނެވެ.

އެހެންކަމުން، ދެން ރިލޭޝަނަކަށްދާއިރު މިކަންކަމާމެދު ސަމާލުވެ މިގޮތަށް މިކަން ކޮށްފިނަމަ ލޯބިވެރިޔާ ބޭވަފާތެރިވުމުގެ ފުރުސަތު ވަރަށް ކުޑައެވެ. މިފަދަ ސަބަބަކާހުރެ ބްރޭކަޕް ވެއްޖެނަމަ ގިނަފަހަރަށް ސަބަބެއް އޮންނަނީ ނޭނގިފައެވެ. ބޭވަފާތެރި ވުމުގައި އަމިއްލަ ކުށެއް އޮތްކަން ޤަބޫލުކޮށް ދެން ރިލޭޝަނަކަށް ދާއިރު އެކަންތައް އިސްލާހު ކުރަން ޖެހެއެވެ.