Last Updated: June 11, 13:58
Thursday, June 11, 2026
ސިޔާސީ

މާލެ ތަރައްގީ ކުރުމުގެ ޕްލޭން ކައުންސިލުން އެކުލަވާލައިފި

ފަސް އަހަރު ދުވަހުގެ ތެރޭގައި މާލެ ތަރައްގީ ކުރުމުގެ ޕްލޭނެއް މާލޭ ސިޓީ ކައުންސިލުން އެކުލަވާލައި ރައްޔިތުންނާ ހިއްސާ ކޮށްފި އެވެ.

މާލޭ ސިޓީ ތަރައްގީ ކުރުމަށް އެކުލަވާލާފައިވާ ފަސް އަހަރު ދުވަހުގެ ޕްލޭނާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން މޭޔަރު މައިޒާން އަލިމަނިކު ވިދާޅުވީ ފަސް އަހަރު ދުވަހަށް އަމާޒު ކޮށްގެން ކުރިއަށް ގެންދާ ޕްލޭން މައިގަނޑު މަގުސަދަކީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އަމާން މާހައުލެއް ހޯދައިދީ މާލޭގެ ރައްޔިތުންނަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބޭ ބަޔަކަށް ހަދައި އަދި ބާއްޖަވެރި މުސްތަގުބަލެއް ހޯދައި ދިނުން ކަމަށެވެ.

ކައުންސިލްގެ ޕްލޭންގައިވާ ގޮތުން ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ހުސް ބިންތައް ބޭނުން ކޮށްގެން މާލޭގައި ތޮއްޖެހިފައިވާ އާބާދީ އަށް ހައްލެއް ހޯދައި ދިނުން ހިމެނެ އެވެ. އަދި މާލޭ ސިޓީގައި ހުރި ވިޔަފާރި ފުރުސަތުތައް ފުޅާކުރުމަށްޓަކައި ވިޔާފާރީގެ ފުރުސަތު ރާއްޖެ އާއި ރާއްޖޭން ބޭރުން ހޯދައި ދިނުމަށް ޕްލޭންގައި އުސޫލްތަކެއް ވެސް ވަނީ ކަނޑައަޅާފަ އެވެ. މީގެ އިތުރުން ޕްރީ ސްކޫލްތައް ޕްރައިވަޓައިޒް ކުރުމަކީ ވެސް ކައުންސިލަށް ލިބިގެންވާ ފުރުސަތެއް ކަމަށް ޕްލޭންގައި ބަޔާންކޮށްފައިވެ އެވެ.

މާލޭ ސިޓީ ތަރައްގީ ކުރުމަށްޓަކައި ކުރިމަތިވެފައިވާ ގޮންޖެހުންތައް ކަމަށް ފާހަގަކޮށް ކައުންސިލްގެ ޕްލޭންގައި ބުނެފައި ވަނީ މާލެ އާ އެއް ފެންވަރަށް ހުޅުމާލެ އާއި ވިލިމާލެ ތަރައްގީ ކުރުމަކީ ކައުންސިލަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ. އަދި އޭގެ ސަބަބެއް ކަމަށް ޕްލޭން ގައި ބުނެފައި ވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަރައްގީ ކުރެވޭނެ އުސޫލުތަކަކާއި އެފަދަ ވިޔަފާރި ތަކަށް ލޯން ލިބޭނެ އެކަށީގެންވާ ނިޒާމެއް ގާއިމްވެފައި ނެތުން ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގެ ގާނޫނުތައް ހުރި ގޮތުން ބޭރުގެ ފަރާތް ތަކަށް ތަންތަން ތަރައްގީ ކުރުމަށްޓަކައި ދިގު މުއްދަތަކަށް ދެވެން ނެތުމާއި ތަންތަން ތަރައްގީ ކުރުމަށްޓަކައި ހިލޭ އެހީ ނުލިބުމަކީ ވެސް ކައުންސިލުން ކުރިމަތިލާން ޖެހިފައިވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް މާލެ ސިޓީ ކައުންސިލްގެ ޕްލޭގައި ބުނެފައިވެ އެވެ.

ފަސް އަހަރު ދުވަހަށް އެކުލަވައިލާފައިވާ ޕްލޭގައިވާ އިތުރު ކަންތައްތަކުގެ ތެރޭގައި އެކަށީގެންވާ ގޮތެއްގައި މާލޭން ކުނި ނައްތާލައި ކާނުތައް ސާފު ކުރުމާއި ތިމާވެށި ހިމާޔާތް ކުރުން ވެސް ތަރައްގީގެ ޕްލޭންގައި ހިމަނާފައިވެ އެވެ.
އަދި ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން، ކަރަންޓާއި ފެނާއި ފާހާނާ އާއި ނަރުދަމާ ފަދަ އަސާސީ ހިދުމަތްތައް ފޯރުކޮށް ދިނުން ވެސް އެ ޕްލޭންގައިވެ އެވެ.

މީގެ އިތުރުން މާލޭގެ މަގުތައް މަރާމާތުކޮށް ބެލެހެއްޓުމަކީ ވެސް އެ ތަރައްގީގެ ޕްލޭންގެ މައިގަނޑު އެއްކަންތަކެވވެ. އަދި މުސްކުޅިންނާއި ހާއްސަ އެހީ އަށް ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދީ އެފަދަ މީހުން ބެލެހެއްޓޭނެ ނިޒާމެއް ގާއިމކުރުން ވެސް ތަރައްގީގެ ޕްލޭންގައި ހިމަނާފައި ވެ އެވެ.