އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުން ގެންދަނީ ބަޣާވާތެއް ގެނައުމަށް ކަމަށާއި ހުރިހާ ޚަރަދެއް ހިންގަމުންދަނީ ޖުމުހޫރީ ޕާޓީގެ ލީޑަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް ކަމަށް ޕީޕީއެމްއިން ތުހުމަތު ކޮށްފިއެވެ.
ރޭ ރައީސް ޔާމީން އިސްކޮށް ހުންނަވައިގެން ބޭއްވި ޕީޕީއެމް/އެމްޑީއޭ ކޯލިޝަނުގެ ޕީޖީ ގްރޫޕުގެ ބައްދަލުވުމަށްފަހު ނޫސްވެރިންނާ ބައްދަލުކޮށް ޕީޕީއެމްގެ އިސް ލީޑަރުން ވިދާޅުވެފައިވަނީ ގާސިމްގެ ވިޔަފާރިތަކުން ލިބޭ ފައިދާއިން ވަރަށް ގިނަ ޖަރީމާ ހިންގުމަށް ޚަރަދު ކުރާ ކަމަށެވެ.
ނަމަވެސް އެކަން ކާމިޔާބުކުރެވުނަ ނުދޭނެ ކަމަށާއި އިދިކޮޅު ފަރާތްތަކުން ގެންނަން އުޅޭ ބަޣާވާތް ހުއްޓުވާނެ ކަމަށް ޕީޕީއެމް ޕީޖީ ގްރޫޕުގެ ލީޑަރު، ނިހާން ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން ޕީޕީއެމްގެ މަޖިލިސް މެމްބަރުން ޕާޓީން ވަކިވެފައިވަނީ ފައިސާގެ ދަޅަ ދައްކައިގެން ކަމަށްވެސް ޕީޕީއެމުން ވަނީ އިދިކޮޅު ފަރާތްތަކާ ދިމާލަށް ތުހުމަތުގެ އިނގިލި ދިއްކޮށްފައެވެ. އިއްޔެ ޕީޕީއެމްއިން ހަ މެމްބަރަކު ވަނީ ވަކިވެފައެވެ.
ރޭގެ ކުއްލި ޖަލްސާއަށް ފަހަށް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ނައިބު ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެފައިވަނީ ޕީޕީއެމް އޮތީ ވަރަށް ބަދަހި ކަމާއެކުގައެވެ. އަދި ރައީސް ޔާމީނާއެކު ގައުމަށްޓަކައި ކުރައްވާ މަސައްކަތަށް އެއްވެސް ހީނަރުކަމެއް އައިސްފައިނުވާ ކަމަށް އޭނާ ވަނީ ތަކުރާރުކޮށްފައެވެ. މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނާކާމިޔާބުވެސް ކުރައްވާނެ ކަމަށް އަބްދުއްރަހީމް ވަނީ ވަރަށް ޔަގީން ކަމާއެކު ވިދާޅުވެފައެވެ.
ރޭ ރައީސް ޔާމީން ސަރުކާރު ކޯލިޝަނުގެ މެމްބަރުންނާ ބައްދަލުކުރައްވައި މަޝްވަރާ ކޮށްފައިވާއިރު މިބައްދަލުވުން ވަނީ ދެ ގަޑިއިރަށް ދެމިގެން ގޮސްފައެވެ. ބައްދަލުވުމުގައި ހާޒިރުވެވަޑައިގެން ތިއްބެވީ ކިތައް މެމްބަރުން ކަން ހާމަކޮށްފައިނުވާއިރު ޕާޓީގެ އިސް ލީޑަރުން ނޫސްވެރިންނާ ބައްދަލުކުރެއްވުމަށްފަހު ސުވާލު ކުރުމަށް ފުރުސަތުވެސް އަރުވާފައިނުވެއެވެ.