ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަބްދުﷲ މަސީހްގެ ވއިތުބާރު ނެތްކަމުގެ ވޯޓަށް ހުށައެޅުމަށް އިދިކޮޅު ފަރާތްތަކާއެކު ސޮއި ކުރުމަށް ފަހު އިއްޔެ ޕާޓީން ވަކިވެވަޑައިގަތް މެމްބަރުން ލަސް ނުކުރައްވައި ޕާޓީއަށް އަނބުރާ ރުޖޫއަވުމަށް ޕީޕީއެމް ޕީޖީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު އިބްރާހިމް ފަލާހް ގޮވާލައިފި އެވެ.
ރޭ ރައީސާއެކު ސަރުކާރު ކޯލިޝަނުގެ މެމްބަރުން ބޭއްވި ބައްދަލުވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ވަކިވެދިޔަ މެމްބަރުންނަށް އަލިއަޅުވާލައި ފަލާހު ވިދާޅުވެފައިވަނީ އެމެމްބަރުން ހޮވިވަޑައިގަތީ ޕީޕީއެމްގެ ޓިކެޓުގައި ކަމަށާއި އެބޭފުޅުން ޕީޕީއެމަށް ޚިދުމަތް ކުރަން އަދިވެސް ފުރުސަތު އެބައޮތް ކަމަށެވެ.
"އެ މެމްބަރުންނަށް އަޅުގަނޑު ދަންނަވާލަން އޮތީ ވީހާވެސް އަވަހަކަަށް ޕީޕީއެމަށް އެނބުރި ވަޑައިގަންނަވާށޭ. ތި ބޭފުޅުންނަކީ ޕީޕީއެމްގެ ޓިކެޓުގައި ދާއިރާތަކުން ހޮވިވަޑައިގެންނެވި މެމްބަރުންނޭ. ތި ބޭފުޅުން ޕީޕީއެމަށް ހިދުމަތްކުރަން އަދިވެސް ފުރުސަތު އެބަ އޮތް. މާދަމާ ވެސް އަޅުގަނޑުމެން މި އުއްމީދު ކުރަނީ ތި ބޭފުޅުން ޕީޕީއެމާ ގުޅިވަޑައިގަންނަވާނެ ކަމަށް،"
އިއްޔެ އެކަނިވެސް ޕީޕީއެމްއިން ހަ މެމްބަރަކު ވަކިވެފައިވާއިރު މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓަށް ހުށައެޅުމަށް ސޮއިކުރި މެމްބަރުންގެ ތެރެއިން މިހާރު ޕާޓީން ވަކިވެފައިނުވަނީ އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު އެކަންޏެވެ. އަހުމަދު ރަޝީދު ވަނީ އޭނާގެ ސޮޔަކީ އިދިކޮޅު ފަރާތްތަކުން އަމިއްލައަށް ކުރި ސޮޔެއް ކަމަށް މީގެކުރިން ބުނެފައެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ވަނީ އޭނާ ސޮއިކުރައްވަނިކޮށް ނަގާފައިވާ ފޮޓޯއެއް އާންމުކޮށްފައެވެ.
ދައުލަތުގެ ފަރާތުން އިއްޔެ ބަންޑާރަ ނައިބު ވަނީ ޕާޓީން ވަކިވެއްޖެނަމަ ނުވަތަ ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭ ގޮތަށް ކަނޑައަޅައިދިނުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށައަޅާފައެވެ. ފަލާހު ވިދާޅުވެފައިވަނީ ބަންޑާރަ ނައިބުގެ ނިންމުމަށް ޕީޕީއެމް އިން ފުރިހަމައަށް ތާއީދުކުރާ ކަމަށެވެ.