Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

އީސީސީގެ ސެންޓްރަލް އޭސީ ޔުނިޓް ވެސް "އެއްލާލައިފި"

އީސީސީގެ ސެންޓްރަލް އޭސީ ޔުނިޓްގެ ބައިތައް ހައުސިން މިނިސްޓްރީ އައްޑޫ ޑިޕާޓްމަންޓުގެ ގޯތިތެރޭގައި. ފޮޓޯ: ހުސައިން ހަބީބް

ދެހާސް އެގާރަ ވަނަ އަހަރުގެ ސާކް ސަމިޓަށް އައްޑޫގައި ބިނާކުރި އިކުއިޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ގެ ސެންޓްރަލް އޭސީ ޔުނިޓް ނަގައިގެން ގޮސް ހިތަދޫގައި ހުންނަ ހައުސިން މިނިސްޓްރީގެ އައްޑޫ ޑިޕާޓްމަންޓް ހިންގާ އޮފީހުގެ ގޯތި ތެރެއަށް "އެއްލާލާފައިވާތީ" އެކަމާ ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރަން ފަށައިފި އެވެ.

އައްޑޫ ލައިވުން ކުރި ސުވާލަކަށް ހައުސިން މިނިސްޓްރީގެ އައްޑޫ ޑިޕާޓްމަންޓުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ސެންޓްރަލް އޭސީ ޔުނިޓް ނަގާފައި ވަނީ ހޮސްޕިޓަލަކަށް އީސީސީ ބަދަލުކުރުމުގެ ތެރެއިން ކަމަށެވެ.

އަދި ސެންޓްރަލް އޭސީ ޔުނިޓްގެ ބައިތައް ހައުސިން އައްޑޫ ޑިޕާޓްމަންޓްގެ ގޯތިތެރެއަށް "އެއްލާލީ ކަމަށް ބުނުމަކީ ފިތުނަ އުފެއްދުން" ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އީސީސީ ހޮސްޕިޓަލަކަށް ބަދަލު ކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާއިރު އެތަނުގައި ހުރި މުދާތައް ރައްކާ ކުރުމަށް ގުދަނެއް އެޅުމުގެ މަސައްކަތް މިހާރު ގެންދަނީ ކުރަމުންނެވެ.

ހައުސިން މިނިސްޓްރީގެ އައްޑޫ ޑިޕާޓްމަންޓް ހިންގާ އިމާރާތުގެ ގޯތިތެރޭގައި ހަދާ ގުދަނުގެ މަސައްކަތް އަދި ނުނިމެއެވެ.

މިކަމާ ގުޅިގެން ސޯޝަލް މީޑިޔާގައި ގިނަ ބަޔަކު ގެންދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

އެގޮތުން އީސީސީ ހޮސްޕިޓަލަކަށް ހެދުމުގެ ނަމުގައި ސަރުކާރުން ކުރަމުން ގެންދާ މަސައްކަތަކީ އެތަން ވީރާނާ ކޮށްލުން ކަމަށް ގިނަ ބަޔަކު ވަނީ ސިފަކޮށްފައެވެ.