ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖްލިސްއަށް ހުށަހެޅުމަށް ސޮއި ކުރި 45 މެމްބަރުންގެ ތެރޭގައި ހިމެނި ވަޑައިގެންނެވި އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު ސޮއި ނުކުރާކަމަށް ވިދާޅުވުމަށްފަހު އަނެއްކާ ވެސް ސޮއި ކުރެއްވި ކަމަށް ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ މިއަދު ވެރިކަން ކުރާ ޕާޓީތަކުގެ ކޯލިޝަންގެ ނޫސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މަޖްލިސްގެ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖްލިސްއަށް ހުށަހެޅުއްވި އިރު ސޮއި ކުރެއްވި ބޭފުޅުންގެ ތެރޭގައި އަހުމަދު ރަޝީދު ހިމެނިވަޑައިގެންނެވިއެވެ. ނަމަވެސް ހަމަ އެދުވަހު އަހުމަދު ރަޝީދު ވަނީ ސޮއި ނުކުރައްވާކަމަށް ވިދާޅުވެ އިތުރުފުޅު ހައްދަވާފައެވެ.
އަހުމަދު ރަޝީދު އެގޮތަށް ވިދާޅުވިތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި އަހުމަދު ރަޝީދު ސޮއި ކުރައްވަން އިންނެވި ފޮޓޯއެއް ސޯޝަލް މީޑިއާގައި ދައުރުުވާން ފެށިއެވެ.
މިއަދުގެ ނޫސް ކޮންފަރެންސްގައި އަހުމަދު ރަޝީދު ވިދާޅުވީ އެދުވަހު ސޮއި ކުރެއްވީ "މަންމަ އާއި ބައްޕަ" ފަދަ ބޭފުޅެެއްގެ އެދުމުގެ މަތިން ކަމަށެވެ. އަދި ފަހުން ސޮއި ނުކުރައްވާކަމަށް ވިދާޅުވީ އެކުރެވުނީ ކިހާ ގޯސް ކަމެއްކަން އެނގިވަޑައިގެންނެވުމުން ކަމަށެވެ.