ރައީސް ޔާމީނަށް މަޖިލީހުގެ މެޖޯރިޓީ ގެއްލި ސަރުކާރު އޮރިޔާން ވެއްޖެ ކަމަށް ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެ އެވެ.
ދިވެހި ބަހުގެ ހަރުބަސްތަކާއި މުސްކުޅި ބަސްތައް އާންމުކޮށް ބޭނުންކުރައްވާ މުސްތަފާ މިގޮތަށް ވިދާޅުވެފައިވަނީ ސަރުކާރު ކޯލިޝަނުން ގިނަ އަދަދެއްގެ މެމްބަރުންތަކެއް ވަކިވެ ލީޑަރުން ވަކިވެދިޔަ މެމްބަރުން އަނބުރާ ވަޑައިގަތުމަށް ގޮވާލާފައިވަނިކޮށް މިއަދު ކުރެއްވި ޓުވީޓެއްގައެވެ.
މުސްތަފާ ވިދާޅުވެފައިވަނީ ބޮޑު ފަޅި އޮތީ މިކޮޅު(އިދިކޮޅު)ގައި ކަމަށާއި ސަރުކާރު އޮތީ ވަތަކު ތޮއްޖެހިފައިކަމަށެވެ. އަދި މިސަރުކާރު އޮރިޔާންވެއްޖެ ކަމަށާއި އޮރިޔާން ނިވާނުވާ ކަމަށް މުސްތަފާ ވަނީ ވިދާޅުވެފައެވެ.
ޕީޕީއެމުން 6 މެމްބަރަކު އިއްޔެ ވަކިވެފައިވާއިރު ޕީޕީއެމްގެ އިސް ބޭފުޅުން ވަނީ އިދިކޮޅު ފަރާތްތަކުން މެމްބަރުންނަށް ގިނަ އަދަދެއްގެ ލާރި ދީފައިވާ ކަމަށް ތުހުމަތު ކޮށްފައެވެ.
އަދި އިދިކޮޅު ފަރާތްތަކުން ގެންނަން އުޅެނީ ބަޣާވާތެއް ކަމަށާއި އެކަމަށް ޚަރަދު ކުރަނީ ގާސިމް އިބްރާޙިމް ކަމަށްވެސް ސަރުކާރު ކޯލިޝަނުން ވަނީ ތުހުމަތު ކޮށްފައެވެ.