މެންޗެސްޓާ ޔުނައިޓެޑުގެ އަންނަ ސީޒަނުގެ ކެޕްޓަނަކަށް މައިކަލް ކެރިކް ހަމަޖައްސައިފިއެވެ.
ކެޕްޓަން ރޫނީ 13 އަހަރުގެ ދިގު މުއްދަތެއް ކުލަބުގައި ހޭދަކުރުމަށްފަހު އެނބުރި އެވަޓަންއަށް ބަދަލުވެ ކެޕްޓަންގެ ރޯލު ހުސްވުމުން ކޯޗު މޮރީނިއޯ ވަނީ ރޫނީގެ ވައިސް ކެޕްޓަން، ކެރިކާއި ބޭންޑު ހަވާލުކޮށްފައެވެ.
ކެރިކް ބުނެފައިވަނީ މިފަދަ ބޮޑު ކުލަބެއްގެ ކެޕްޓަނަކަށް އާދެވުމުން ވަރަށް ބޮޑު ޝަރަފަކާއި ހިތްހަމަޖެހުމެއް ލިބިފައިވާ ކަމަށެވެ. އަދި ކުރިން މިހާ ގިނަ ދުވަސް ވަންދެން ކުލަބުގައި ހުރެދާނެ ކަމަށް ހީނުކުރާ ކަމަށާއި ދުވަސް ފާއިތުވަމުންދާ ވަރަކަށް ކުލަބުދެކެ ވާ ލޯބި އިތުރުވާ ކަމަށް އޭނާ އެމްޔޫ ޓީވީ އާ ވާހަކަދައްކަމުން ބުނެފައިވެއެވެ.
އުމުރުން 35 އަހަރުގެ މައިކަލް ކެރިކް ޔުނައިޓެޑާއި ގުޅިފައިވަނީ 2006 ވަނަ އަހަރު ޓޮޓެންހަމް ހޮޓްސްޕާސްއިން 18.6 މިލިއަން ޕައުންޑުގެ އަގަކަށެވެ. އޭނާ ވަނީ މިދިޔަ ސީޒަނުގެ ކުރީކޮޅު 2018 ވަނަ އަހަރާއި ހަމައަށް ޔުނައިޓެޑުގައި ހުރުމަށް ކޮންޓްރެކްޓު އާކޮށްފައެވެ.