ރައްޔިތުން އިންތިޚާބުކޮށްފައިވާ މެމްބަރުންގެ ގޮނޑި ދައުރުގެ މެދުތެރެއިން ގެއްލޭ ގޮތަށް ހެދޭނީ ގާނޫނު އަސާސީ ބަދަލުކޮށްގެން ކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ގާނޫނީ ދާއިރާއިން ތައުލީމް ހާސިލްކުރެއްވި ނަޝީދު، މެމްބަރުން އިންތިޚާބުވި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވެއްޖެނަމަ ގޮނޑި ގެއްލޭ ގޮތަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށައެޅުމުން ނަޝީދު ބުނެފައިވަނީ މެމްބަރުންގެ ގޮނޑި ގެއްލޭނެ ހާލަތު ގާނޫނު އަސާސީގައި ސާފުކޮށް ބަޔާންކޮށްފައި އެބައޮތް ކަމަށެވެ.
ނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގައި މެމްބަރުންގެ ގޮނޑި ގެއްލޭ ހަތަރު ހާލަތު ބަޔާންކޮށްފައިވާއިރު އިތުރު ގޮތެއް އޭގެތެރެއަށް ވައްދާނީ ކިހިނެއް ކަމެއް ވިސްނިވަޑައިނުގަންނަވާ ކަމަށް ނަޝީދު ވިދާޅުވެފައިވެއެވެ.
""ދައުރެއްގެ މެދުތެރެއިން، ވޯޓެއްގެ ނޯޓިސް ހިނގަހިނގާ އޮއްވައި، ކޯޓަކުން ނެރެން އެދޭ ޙުކުމަކުން، ރައްޔިތުންގެ ސީދާ ވޯޓަކުން ހޮވައި މަޖިލިހަށް ފޮނުވާފައިވާ މެންބަރުންތަކެއްގެ ގޮނޑި ގެއްލޭ އާ ސަބަބެއް ނުވަތަ ޙާލަތެއް އުފަން ކުރުވިދާނެ ކަމަކަށް ހަމަ އެއްގޮތަކަށް ވެސް ނުފެނެ އެވެ،"
ސުޕްރީމް ކޯޓުން އަމުރު ނެރުނަސް އެއަށް އަމަލު ކުރެވޭނީ އަންނަ އިންތިޚާބެއްގައި ކަމަށާއި މެޗު ކުޅެމުން ދަނިކޮށް މެޗުގެ ގަވާއިދު ބަދަލުކުރެވިދާނެތޯ ނަޝީދު ސުވާލު އުފައްދާފައިވެއެވެ. ނުވަތަ އެ މެމްބަރުންގެ ދާއިރާތަކުގެ މެދުގައި މެމްބަރު ގޮނޑީގައި ބަހައްޓަން ޖެހޭ ކަމަށް ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
އަދި ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް އަމަލުކުރަނީ ދުނިޔޭގެ އެހެން ގައުމުތަކުގައި ބަރުލަމާނީ ނިޒާމަށް އަމަލުކުރާ ގައުމުތަކުގައި ކަންވެސް ނަޝީދު ވަނީ ފާހަގަކޮށްފައެވެ. އެހެނީ އެގައުމުތަކުގައި ސަރުކާރު އުފެދެނީ މަޖިލީހުގެ ތެރެއިން ކަމަށްވާތީ އިންތިހާބު ނިމި އަދި ސަރުކާރު އެކުލަވާލާއިރު މަޖިލިހުގެ ގޮނޑިތައް އެހުރި ގޮތަށް ބެހެއްޓުމަކީ، ސަރުކާރު ދެމިއޮތުމަށް މުހިއްމު ކަމަކަށްވާތީ ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެއެވެ. ނަމަވެސް އެގައުމުތަކުންވެސް މިހާރު އަންނަނީ އެސިފަ ދޫކޮށްލަމުން ކަމަށް ނަޝީދު ވަނީ ފާހަގަކޮށްފައެވެ.