Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

އައްޑޫ މަސް ފެކްޓްރީ މި އަހަރު ހުޅުވޭނެ: މިފްކޯ

މިފްކޯއިން އައްޑޫ ސިޓީގެ ހުޅުމީދޫ އަވަށުގައި އެޅުމަށް ފަށާފައިވާ މަސް ފެކްޓްރީގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިމި، އަންނަ އަހަރު ފެށުމުގެ ކުރިން ހުޅުވޭނެ ކަމަށް މިފްކޯއިން ބުނެފިއެވެ.

މިފްކޯގެ ސީއީއޯ އަދުލީ އިސްމާއިލް ނޫސްވެރިންނާ ބައްދަލުކޮށް މައުލޫމާތު ދެމުން ވިދާޅުވެފައިވަނީ މަސް ފެކްޓްރީގެ މަސައްކަތް މިވަގުތު ހުއްޓިފައިވަނީ ބައެއް މައްސަލަތައް ކުރިމަތިވެފައިވާތީ ކަމަށެވެ. ނަމަވެސް ހުރިހާ ކަމެއް ހައްލުވެ މިއަހަރު ފެކްޓްރީގެ މަސައްކަތް ނިމޭނެ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ހުޅުމީދޫގައި މަސް ފެކްޓްރީ އެޅުމުގެ މަސައްކަތް ފަށައި، ބިންގާ އަޅާފައިވަނީ ނިމިދިޔަ 2016 ވަނަ އަހަރުގެ ޖެނުއަރީ މަހުގައެވެ. އެކި ސަބަބުތަކާ ހެދި ފެކްޓްރީގެ މަސައްކަތް ވަނީ މަޑުޖެހިފައެވެ.

އަދުލީ މައުލޫމާތު ދީފައިވާ ގޮތުން ފުރަތަމަ ފެކްޓްރީ އަޅަން ކަނޑައެޅިތަން ބަދަލުވުމުގެ ސަބަބުން ފުރަތަމަ ތައްޔާރުކުރި ޑިސައިން ބަދަލުކުރަން ޖެހުނު ކަމަށެވެ. އަދި ދެވަނަ ފަހަރަށް ފެކްޓްރީ ޑިސައިންކޮށް ތަކެތި ބަދަލުކުރުމަށްފަހު ވެލި ނުލިބުމުގެ ސަބަބުން ބިންގަނޑު އެއްވަރުނުކުރެވި ހަތަރު ވަރަކަށް މަސް ދުވަސް ވަންދެން މަސައްކަތް އަނެއްކާވެސް ހުއްޓުނު ކަމަށް އަދުލީ ވިދާޅުވެފައިވެއެވެ.

މިހާރު އަނެއްކާވެސް ފެކްޓްރީގެ މަސައްކަތް ކުރިއަށްދާ ކަމަށާއި މިހާރު ކުރަނީ ކޯލްޑް ސްޓޯރޭޖުގެ އެތެރޭގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. އަދި މިއަހަރުގެ ފަހުކޮޅު ޓޭންކްސްއާއި ފްރީޒިންގް ކޮމްޕޯނެންޓްސްވެސް ނިމި އަހަރު ނިމުމުގެ ކުރިން ފެށޭނެ ކަމަށް އޭނާ ވަނީ ތަކުރާރުކޮށްފައެވެ.

ހުޅުމީދޫގައި މިފްކޯއިން އަޅާ މި މަސް ފެކްޓްރީ ނިމުމުން ދުވާލަކު 100 ޓަނުގެ މަސް އެތަނަށް ގަނެވޭނެއެވެ. މީގެ އިތުރުން އެތަނުން މަސްވެރިންނަށް ދުވާލަކު 100 ޓަނުގެ އައިސް ވެސް ވިއްކޭނެ ކަމަށް މިފްކޯއިން މައުލޫމާތުދީފައިވެއެވެ.