Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ރައީސް ޔާމީން ބަލި ގަބޫލުކޮށްފި، ތަހުގީގު ފަސޭހަ ވާނެ: ޖަމީލް

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެތައް ކަންތައްތަކަށް އިއުތިރާފްވެ ރައީސް އަބްދުﷲ ޔާމީން ބަލި ގަބޫލު ކުރައްވައިފި ކަމަށް މި ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ވިދާޅުވެއްޖެ އެވެ.

ޖަމީލް މިހެން ވިދާޅުވެފައި ވަނީ ރޭ ރައީސްގެ ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަތަކަށް އަލިއަޅުވާލައި މިއަދު ކުރެއްވި ޓުވީޓެއްގައެވެ. އެތައް ކަންތައްތަކަށް އިއުތިރާފް ލިބިއްޖެ ކަމަށާއި ދެން އަންނަ ބަޔަކު ކުރަން ޖެހޭ ތަހުގީގު ފަސޭހަ ވެއްޖެކަމަށް ޖަމީލް ވިދާޅުވެފައިވެއެވެ.

ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޔާމީން ވަނީ ނޫސްވެރިންނަށް ބޭނުން ސުވާލެއް ކުރުމަށް ފުރުސަތު ހުޅުވާލާފައެވެ. އެގޮތުން ލަންކާގެ އަސޭލާއާ ބައްދަލުވި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ނަމަވެސް ރައީސް ވިދާޅުވެފައި ވަނީ އެމަނިކުފާނަކީ ސިހުރު ފަންޑިތަ ގަބޫލުކުރާ ވެރިއެއް ނޫން ކަމަށާއި އަސޭލާއާ ބައްދަލުކުރެއްވީ ފާރިސް ތައާރަފް ކޮށްދިނުމުން ކަމަށެވެ.

ސިޔާސީ މައިދާނުގައި އެމަނިކުފާނާއި ވާދަ ކުރެއްވުމަށާއި ސިހުރު ފަންޑިތައޭ ކިޔައިގެން ވާހަކަ ނުދެއްކުމަށް ރައީސް ވަނީ އިދިކޮޅު ފަރާތްތަކަށް ގޮވާލާފައެވެ. ރޭގެ ބައްދަލުވުމުގައި ރައީސް އިތުރަށް ވިދާޅުވެފައިވަނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ދިފާއު ކުރެވޭނެ ކަމުގެ ޔަގީން ކަމެއް ނެތް ކަމަށެވެ. ނަމަވެސް މަސީހުގެ ވޯޓު ނާކާމިޔާބުވުމަކީ ކުރައްވާ އުއްމީދު ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

ކޯޓުން އިންސާފުވެރި ހުކުމެއް ކޮށްފިނަމަ އިދިކޮޅު ފަރާތްތައް ނާކާމިޔާބު ކުރެވޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ސަރުކާރުގެ ފަރާތުން ބަންޑާރަ ނައިބު ވަނީ ސުޕްރީމް ކޯޓަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އިންތިޚާބުވާ ޕާޓީއިން ވަކިވެއްޖެނަމަ ނުވަތަ ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ ވަކިކޮށްފިނަމަ ގޮނޑި ގެއްލޭ ގޮތަށް އިސްލާހު ހުށައެޅުމަށް މައްސަލަ ހުށައަޅާފައެވެ.