ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ޕީޕީއެމުން ވަކިވުމަށް އެދުމުން ސުލޫކީ މައްސަލައެއް އޮތުމުގެ ސަބަބުން ޕާޓީން ވަކިކޮށް ނުދީ އަނބުރާ ފޮނުވާލައިފި އެވެ.
ޕީޕީއެމްއިން މުސްތަފާއަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ މުސްތަފާއާ ގުޅޭ ގޮތުން މި މަހުގެ ތިންވަނަ ދުވަހު ސުލޫކީ ކޮމެޓީ އަށް މައްސަލައެއް ހުށަހަޅާފައިވާތީ، އެކަން ބަލައި ނިމުމުން ޖަވާބެއް ދޭނެ ކަމަށެވެ.
ޕާޓީގައި ހުންނަން ބޭނުންނުވާ މެމްބަރަކު އަމިއްލައަށް ޕާޓީން ވަކިވުމުގެ އިޚްތިޔާރަކީ ކޮންމެ މެމްބަރަކަށްވެސް ލިބިގެންވާ އިޚްތިޔާރެއް ކަމަށް މުސްތަފާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވެއެވެ.
ޕީޕީއެމް ސަރުކާރުގެ ނިންމުންތަކަށް އެންމެ ފުރަތަމަ ފާޑުވިދާޅުވާން ފެށި މެމްބަރަކީ މުސްތަފާއެވެ. މުސްތަފާގެ ހިތްހަމަނުޖެހުން ބަޔާންކުރުމުން ޕީޕީއެމް ޕީޖީ ގްރޫޕުގެ ވައިބާ ގްރޫޕުންވެސް އޭނާ ވަނީ ބޭރުކޮށްލާފައެވެ.