Last Updated: July 14, 13:49
Wednesday, July 15, 2026
ޚަބަރު

ޔާމީންގެ ޝަރީޢަތް ޢާންމުކޮށް ހުޅުވާލައިގެން ބާއްވަނީ

ސޯޝަލް މީޑިއާ އެކްޓިވިސްޓް ފޭދޫ ޗަނބޭލީގެ ޔާމީން ރަޝީދު މަރާލުމުގެ ކުރިން ފުލުހުން އިހުމާލުވި ކަމަށް ބުނެ ޢާއިލާއިން ކުރާ ދައުވާގެ ޝަރީޢަތް ޢާންމުކޮށް ހުޅުވާލައިގެން ބޭއްވުމަށް ސިވިލް ކޯޓުން ހަމަޖައްސައިފި އެވެ.

ޔާމީންއަށް ތަކުރާރުކޮށް އިންޒާރު ލިބެމުން ދިޔަ މައްސަލަ ފުލުހުންގެ ސަމާލު ކަމަށް ގެނައިނަމަވެސް ފުލުހުންގެ ފަރާތުން ފޯރުކޮށް ދޭން ޖެހޭ ރައްކާތެރިކަމާއި ހިމާޔަތް ފޯރުކޮށް ދިނުމުގައި އިހުމާލުވެފައިވާ ކަމަށް ޔާމީންގެ ބައްޕަ ވަނީ ތުހުމަތުކޮށްފައެވެ.

ޖުލައި 5 ވަނަ ދުވަހު ބޭއްވި އަޑު އެހުމުގައި ދައުލަތުން ވަނީ މައްސަލައިގެ އަޑު އެހުންތަކާއި މައްސަލައާ ގުޅިގެން ހުށަހެޅޭ އެންމެހައި ލިޔެކިޔުން ސިއްރުކޮށްގެން ނޫނީ މައްސަލަ ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށް ބުނެފައެވެ.

އެއީ މިހާރު ހިނގަމުން އަންނަ ޔާމީންގެ މަރުގެ ތަހުގީގަށް ހުރަސް އެޅޭނެކަމަށް ބުނެފައެވެ.