Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

އިތުބާރުގެ މައްސަލައިގެ ނިންމުން މުރާޖައާކޮށް ދޭން ސުޕްރީމް ކޯޓަށް

އިތުބާރު ނެތްކަމުގެ މައްސަލަތަކުގައި ފަހު ބަސް ބުނާނީ ސުޕްރީމް ކޯޓުން ކަމަށް ކަނޑައަޅައި އެ ކޯޓުން ނެރެފައިވާ ޙުކުމް މުރާޖަޢާކޮށް ދިނުމަށް އެދި ޤާނޫނީ ވަކީލުންތަކެއް ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޤާނޫނީ ވަކީލުންތަކެއް ސުޕްރީމް ކޯޓުން ފާއިތުވި މެއި މަހުގެ ތެރޭގައި ނިންމާފައިވާ ނިންމުން މުރާޖަޢާ ކޮށްދިނުމަށް އެދި ހުށަހަޅާފައި ވަނީ މިއަދުއެވެ.

ސުޕްރީމް ކޯޓުގެ ނިންމުން މުރާޖަޢާ ކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ވަކީލުންނަކީ، އަލްއުސްތާޛް ޝާހީން ހަމީދު، އަލްއުސްތާޛް ހަސަން މަޢާޒް ޝަރީފް، އަލްއުސްތާޛް މައުމޫން ޙަމީދް، އަލްއުސްތާޛް އިބްރާހިމް ޝަމީލް، ޑރ. މުޙައްމަދު އިބްރާހިމް އަދި އަލްއުސްތާޛާ ޢައިޝަތު ޝިފާލާ އެވެ.

ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ އެކަށީގެންވާ ސަބަބެއް ނެތި ވަޒީރުން ވަކި ކުރުމުގެ ބާރު މަޖިލީހަށް ނެތް ކަމަށާއި ވަޒީރުންގެ އިތުރުން ރައީސާއި ނައިބު ރައީސާއި ފަނޑިޔާރުންނާއި ގާނޫނުއަސާސީގައި ބުނާ މިނިވަން މުއައްސަސާތަކުގެ މެމްބަރުންގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގައި، މަގާމުން ވަކި ކުރުމުގައި ވެސް އެ އުސޫލު ހިނގާނެ ކަމަށެވެ.

ސުޕްރީމް ކޯޓުގެ މި ނިންމުމާއި ގުޅިގެން ބައިނަލްއަޤްވާމީ ފަރާތްތަކުންނާއި، ރާއްޖޭގެ ސިޔާސީ ފަަރާތްތަކުން އަދި ޤާނޫނީ ވަކީލުން ވެސް ވަނީ، އެއީ މަޖިލީހުގެ ބާރު ކަނޑުވާލުން ކަމަށް ސިފަކޮށްފައެވެ.