Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ތާރު އަޅަން ގެނެސްފައި ހުރި މެޝިނަރީޒް އައްޑޫން ބޭރު ކުރަނީ

އައްޑޫ ސިޓީގައި ހުރި ތާރު އެޅުމަށް ބޭނުންކުރާ މެޝިނަރީޒް އައްޑޫ އިން ބޭރު ކުރުމުގެ މަސައްކަތް ކުރަމުން އެބަގެންދެ އެވެ.

އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އައްޑޫގެ މަގުތައް ހެދުމަށް ގެނައި ބައެއް މެޝިނަރީޒް މިހާރު ވަނީ ހިތަދޫ ބަނދަރުގައި އޮތް ބާޖަކަށް އަރުވާފައެވެ.

މި ތަކެތި ގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންތަނަކަށް ކަން ސާފުވެފައި ނުވާއިރު މީގެ ކުރިން ވެސް އައްޑޫގައި ހުރި މަގު ހެދުމަށް ބޭނުންކުރާ ގިނަ އަދަދެއްގެ ވެހިކަލްތައް އައްޑޫ އިން ބޭރު ކޮށްފައެވެ. އެގޮތުން 2015 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި އައްޑޫގެ މަގުތައް މަރާމާތު ކުރުމަށް ގެންގުޅޭ ބައެއް ވެހިކަލްތައް، 4 ރަށެއްގެ މަގު ހެދުމުގެ މަޝްރޫއުތަކުގައި ބޭނުން ކުރުމަށް ކަމަށް ބުނެ އައްޑޫ އިން ބޭރު ކުރިއެވެ.

މިގޮތަށް އައްޑޫ އިން ވެހިކަލްތަކާއި މެޝިނަރީޒް ބޭރުކުރާ ކޮންމެ ފަހަރަކު އައްޑޫގައި ތިއްބަވާ ސަރުކާރުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި "ވަރަށް އަވަހަށް އަނބުރާ ގެނެވޭނެ" އެވެ. އެހެން ނަމަވެސް އެގޮތަށް ގެންދިޔަ އެއްވެސް ވެހިކަލެއް އަދި މެޝިނަރީޒް ތަކެއް ވެސް އަނބުރާ ގެނެސްފައި ނުވާކަން ފާހަގަކޮށްލެވެއެވެ.

އައްޑޫގެ މަގުތައް ނުބެލެހެއްޓޭ ކަމުގެ ޝަކުވާތައް އިތުވެފައި ވަނިކޮށް ތާރު އެޅުމަށް ބޭނުންކުރާ މެޝިނަޒް އައްޑޫ އިން ބޭރަށް ގެންދަން ނިންމާފައިވާތީ އެކަމާއި ބެހޭ ގޮތުން ހައުސިން މިނިސްޓްރީގެ ބަހެެއް ހޯދުމަށް 'އައްޑޫލައިވް' އިން ކުރި މަސައްކަތް އަދި ވަނީ ކާމިޔާބު ވާގޮތް ނުވެފައެވެ.