Last Updated: June 22, 20:19
Monday, June 22, 2026
ކުޅިވަރު

ޑެނި އަލްވެސް ޕީއެސްޖީއަށް ސޮއިކޮށްފި

ޔުވެންޓަސް އަށް ކުޅެމުން އައި ބްރެޒިލްގެ ޑިފެންޑަރު ޑެނީ އަލްވެސް މެންޗެސްޓާ ސިޓީއަށް ނައިސް ފްރާންސުގެ ޕީއެސްޖީއަށް މިއަދު ސޮއިކޮށްފިއެވެ.

އަލްވެސް ގަތުމަށް ސިޓީއިން މަސައްކަތްކޮށްފައިވާއިރު އެޓީމާއި ގުޅުމަށް އޭނާ ވަނީ ނުހަނު ކައިރިއަށް އައިސްފައިކަމަށް އިނގިރޭސި މީޑިޔާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ޖުލައި 7 ވަނަ ދުވަހު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާއެކު އަލްވެސް ބައްދަލުކޮށްފައިވާ ކަމަށް ގޯލް އިން ވަނީ ރިޕޯޓުކޮށްފައެވެ. އިއްޔެގެ ނިޔަލަށް ގިނަ ބަޔަކު ގަބޫލުކޮށްގެން ތިބީ އަލްވެސް ދިޔައީ އެމެރިކާއަށް ސިޓީ ޓީމާ ބައިވެރިވުމަށް ތައްޔާރުވަމުންނެވެ.

ނަމަވެސް މިއަދު އޭނާ ވަނީ ފްރާންސުގެ ޕީއެސްޖީ ޓްރެއިނިން ގްރައުންޑުގައި މެޑިކަލް ހަދާފައެވެ. އަލްވެސްގެ މިނިންމުން ސިޓީ ސަޕޯޓަރުން ދެކެނީ ގާޑިއޯލާއަށް ދިން "ކެއްސެއް" ކަމުގައެވެ.

އުމުރުން 34 އަހަރުގެ ޑިފެންޑަރު ވަނީ މިދިޔަ ސީޒަނުގައި ޔުވެންޓަސްގައި މޮޅު ކުޅުމެއް ދައްކާފައެވެ. އޭނާ ޕީއެސްޖީއަށް ބަދަލުވެފައިވަނީ 12 މިލިއަން ޕައުންޑުގެ އަގަކަށެވެ.