Last Updated: May 4, 23:07
Saturday, May 4, 2024
ޚަބަރު

އެމްއެމްޕީއާރްސީގެ ފައިސާއެއް ބޭނުމެއް ނުކުރަން: އަދީބު

ރައީސް އަބްދުﷲ ޔާމީން އާއި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް. ދެ ބޭފުޅުންނަކީ ވަރަށް އަރިސް ދެ ބޭފުޅުން، ފޮޓޯ: ވީނިއުސް

އެމްއެމްޕީއާރް ސީ އިން ގެއްލިފައިވާކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާ ފައިސާގެ ހަގީގަތް އެނގިވަޑައިގަންނަވާނީ ހަމަ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށް ކަމަށާއި އެފައިސާގެ އެންމެ ފައިސާ ފޮއްޗެއް ވެސް ބޭނުން ކުރައްވާފައި ނުވާނެ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެއެވެ.

އަދީބު މިހެން ވިދާޅުވީ އެމަނިކުފާނު ބޭސްފަރުވާއަށް ފޮނުވާނީ އެމްއެމްޕީއާރުސީން ނެންގެވި ފައިސާތައް އަނބުރާ ދިނުމުން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވި ވިދާޅުވުމަށް ރައްދު ދެއްވަމުން ނެރުއްވި ބަޔާނެއްގައެވެ.
އެމްއެމްޕީއާރުސީއަށް ލިބޭ ޑޮލަރު މާރުކުރުމަށްފަހު ލިބުނު ފައިސާގެ 80 އިންސައްތަ ފައިސާ ހަވާލު ކުރެވުނީ ސީދާ ރައީސް އަބްދުﷲ ޔާމީނާ ކަމަށާއި ބާކީ ރައީސް ޔާމީންގެ އިޒުނައާއެކު ހަރަދު ކުރި ކަމަށް އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔާތު ބުނި ކަމަށް އަދީބުގެ ބަޔާނުގައި ވެއެވެ.
އެމްއެމްޕީއާރުސީ އަށް ލިބެމުންދިޔަ ފައިސާގެ ބޮޑު އަދަދުން މިގޮތަށް ޚަރަދުކުރަމުން ގެންދާއިރު، އެފައިސާ އަނބުރާ ދައުލަތަށް ދެއްކުމަށްޓަކައި ފައިސާ ހޯދަނީ ކިހިނެއްތޯ ސުވާލުކުރުމުން އަބްދުﷲ ޒިޔާތު އެކަމާ ކަންބޮޑުނުވުމަށާއި، ވަރަށް އަވަހަށް އަރަބި ގައުމަކުން 100 މިލިއަން އެމެރިކާ ޑޮލަރު ދިވެހި ސަރުކާރަށް ލިބޭނޭ ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާކަމަށްވެސް އަދީބު ވިދާޅުވިއެވެ. ހަމަ އެހެންމެ އަދީބަށް އެކަން ނޭންގުމަށާއި، އަދީބަށްވެސް ހުރިހާކަމެއް އެނގެން ނުޖެހޭކަމަށް ރައީސް ޔާމީން ވިދާޅުވިކަމަށް އަބްދުﷲ ޒިޔާތާއި ހަވާލާދީ މިބަޔާނުގައި ވެއެވެ.

"އަޅުގަނޑު ބޭސްފަރުވާއަށް ދިވެހިރާއްޖެއިން ބޭރަށް ފޮނުވޭނީ ދައުލަތުން ގެއްލިފައިވާ ފައިސާ ދައުލަތަށް ދެއްކުމުން ކަމަށް ރައީސް ޔާމީން ވިދާޅުވާއިރު އެފައިސާ އަކީ އަޅުގަނޑުގެ ބެލުމުގެ ދަށުގައި ހުރި ފައިސާއެއް ނޫނެވެ. އެ އެފައިސާއިން އެއްވެސް މިންވަރެއް ޚަރަދު ނުކުރާއިރު އެ ފައިސާ ރައީސް ޔާމީންގެ ބެލުމުގެ ދަށުގައި އަދިވެސް ހުންނާނެއެވެ. ދިވެހިރާއްޖެއިން ބޭރުން ބޭސްފަރުވާކުރުމަށް އަޅުގަނޑު ދަންނަވަމުން މިގެންދަނީ އަޅުގަނޑަށް ދިމާވެފައިވާ މައްސަލަތަކަށް ދިވެހިރާއްޖެއިން ބޭސްފަރުވާ ކުރެވެން ނެތުމުންނެވެ." އަދީބު ވިދާޅުވިއެެވެ.

އަދީބުގެ ބަޔާނުގައި އެމަނިކުފާނުގެ ބޭސްފަރުވާއަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވެވަޑައިގެންނެވި ގުރުބާނީ ހަނދާންކޮށް އަދި ބޭސް ފަރުވާގެ ފުރުސަތު ފަހިކޮށްދިނުމަށް މަސައްކަތްކުރުމަށްޓަކައި ސަރުކާރާ އެއްކޮށް މަޑުކޮށްގެން ތިއްބެވި މެންބަރުންވެސް ދެވަނަ ވިސްނުމަކަށް ވަޑައިގެންނެވުމަކީ އެމަނިކުފާނުގެ އެންމެ ބޮޑު އެއް އެދުން ކަމަށް ބަޔާންކުރެއްވިއެެވެ.