ދިވެހި ރާއްޖޭގެ ބަންޑާރަ ނައިބުގެ މަގާމުގައި ހުންނެވި ބޭފުޅާ މަސައްކަތް ކުރައްވަމުން ގެންދަވަނީ ގާނޫނު އަސާސީގެ ބާރު ކަނޑުވާލުމަށް ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެ އެވެ.
އިބޫ މިހެން ވިދާޅުވެފައިވަނީ މިރޭ ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވެފައިވަނީ ގާނޫނު އަސާސީގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭނެ ގޮތް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވާ މެމްބަރުންނަށް ގާނޫނު އަސާސީގައި ލިއްބައިދޭ ބާރުތައް ކަނޑުވާލައި، ގާނޫނު އަސާސީގެ ބާރުވެސް ކަނޑުވާލަން ކޯޓު މެދުވެރިކޮށް ބަންޑާރަ ނައިބު ކުރައްވާ މަސައްކަތަކީ ކުރެވިގެން ވާނެ ކަމެއް ނޫން ކަމަށް އިބޫ ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން ރޭ ރައީސުލް ޖުމުހޫރިއްޔާ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓުގެ ފަހުބަސް ބުނާނީ ސުޕްރީމް ކޯޓުން ކަމަށް ދޭހަވާ ގޮތަށް ވިދާޅުވި ބަސްފުޅަށް އިބޫ ވަނީ ރައްދު ދެއްވާފައެވެ. އިބޫ ވިދާޅުވެފައިވަނީ މަޖިލީހުގެ ރައީސް އަދި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓަކީ ސުޕްރީމް ކޯޓަށް ގޮސްގެން ގޮތް ނިންމޭނެ މައްސަލައެއް ނޫން ކަމަށެވެ.