ބްރެޒިލްގެ ކުރީގެ ރައީސް ލުއީޒް އިނާސިއޯ ލޫލާ ދަ ސިލްވާގެ މައްޗަށް ކުރެވުނު ކޮރަޕްޝަންގެ ތުޙުމަތުތައް ސާބިތުވެ، އޭނާގެ މައްޗަށް ނުވަ އަހަރާއި ބައިގެ ޖަލު ޙުކުމެއްކޮށްފި އެވެ.
ދައުލަތުގެ ތެޔޮ ކުންފުންނި ކަމަށްވާ ޕެޓްރޮބްރާސް އާއި ގުޅުންހުރި ކޮރަޕްޝަންގެ ޢަމަލެއްގައި ރިޝްވަތެއްގެ ގޮތުގައި ފްލެޓެއް ލިބުނުކަމުގެ ތުޙުމަތުތައް ލޫލާ ވަނީ ދޮގުކުރައްވާފައެވެ.
އޭނާ ބުނާ ގޮތުގައި އެ ދައުވާ އަކީ ސިޔާސީ ބޭނުމެއްގައި ކޮށްފައިވާ އެއްވެސް ހަޤީގަތެއް ނެތް ދަޢުވާއެއް ކަމަށެވެ. އަދި އޭނާ ވަނީ އެފަދަ އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށް ބުނެފައެވެ.
މި މައްސަލައަކީ ލޫލާ އާއި ދެކޮޅަށް ހުށައެޅިފައިވާ ފަސް ދައުވާގެ ތެރެއިން އެންމެ ފުރަތަމަ މައްސަލައެވެ.
ދެހާސް އެގާރަ ވަނަ އަހަރާއި ހަމައަށް ލޫލާ ވަނީ ބްރެޒިލްގައި އަށް އަހަރު ދުވަހު ވެރިކަން ކުރައްވާފައެވެ. އަދި އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގައި ވާރކާސް ޕާޓީގެ ފަރާތުން ލޫލާ ކުރިމަތިލައްވާފާނެ ކަމުގެ ވާހަކަތައް ވެސް ދަނީ ދައުރުވެފައެވެ.
އިންޖިނިއަރިން ކުންފުންޏެއް ކަމަށްވާ އޯއޭއެސް އަށް ދައުލަތުގެ ތެޔޮ ކުންފުނީގެ ކޮންޓްރެކްޓްތަކެއް ކާމިޔާބު ކުރުމުގައި ލޫލާ ވެދެއްވި އެހީތެރިކަމަށްޓަކައި، އޯއޭއެސް ގެ ފަރާތުން އޭނާ ރިޝްވަތު ނެންގެވިކަން ސާބިތުވާ ކަމަށް ބުދަ ދުވަހު ޤާޒީ ވަނީ ކަނޑައަޅުއްވާފައެވެ.