Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ޔާމީނަށް ޖިނާއީ ތަހުގީގެއް ކުރަން ޖެހޭ: ނަޝީދު

ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން ޖެހޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގުމަށް ނަޝީދު ގޮވާލާފައިވަނީ ރޭ ކުރީގެ ނައިބު ރައީސް އަދީބުގެ ފަރާތުން ރައީސް ޔާމީނަށް ކުރެވުނު ތުހުމަތުތަކުގެ ސަބަބުންނެވެ. ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އަދީބުގެ ބަޔާނާއި "ސްޓީލިން ޕެރެޑައިސް" އިން ގެނެސްދޭ ހެކިތަކަށް ބިނާކޮށް ޔާމީންގެ މައްޗަށް ޖިނާއީ ތަހުގީގެއް އިތުބާރުކުރެވޭ ފަރާތަކުން ހިންގަން ޖެހޭ ކަމަށެވެ.

ތިން ހުކުމެއް ސާބިތުވެ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ އަދީބު ވަނީ ރޭގައި ނެރުނު ބަޔާނެއްގައި އެމްއެމްޕީއާރްސީ އިން "ނެގި" ފައިސާގެ %80 ހުންނާނީ ރައީސް ޔާމީން އަތުގައި ކަމަށާއި އެފައިސާ ވީތަނެއް ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް ކަމަށް ބުނެފައިވެއެވެ.

އަދީބުގެ ސިއްހީ ހާލަތު ގޯސްވުމުގެ ސަބަބުން އާއިލާއާއި ވަކީލުން އެކި ފަހަރު މަތިން ރާއްޖެއިން ބޭރަށް ބޭސް ފަރުވާއަށް ފޮނުވާ ދިނުމަށް އެދިފައިވާއިރު އެންމެ ފަހުން އެކަމާއި ގުޅިގެން ރައީސް ޔާމީން ވިދާޅުވެފައިވަނީ އަދީބަށް ބޭރަށް ދެވޭނީ "ނެގި" ފައިސާ ދެއްކުމުން ކަމަށެވެ.

މީގެ ކުރިން އަދީބު ބައްސާވަފައިވާ ފައިސާއަކީ ރައީސް ޔާމީންގެ ފައިސާ ކަމަށް ޚުދު އެމަނިކުފާނު ވިދާޅުވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސެން އަރީފް ވަނީ ވިދާޅުވެފައެވެ. އަރީފް ވަނީ ރައީސް ޔާމީން އެހެން ވިދާޅުވިކަމަށް ﷲ ގަންދީ ހުވާކޮށްފައެވެ. ނަމަވެސް އެމައްސަލަ އެއްވެސް ފަރާތަކުން ބަލާފައިވާ ކަމެއް މިހާތަނަށް އެނގިފައެއްނުވެއެވެ.