ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ މައްޗަށް އުފުލާފައިވާ ދައުވާ ތަކާއި ގުޅިގެން ކުރިމިނަލް ކޯޓަށް ހާޒިރުކޮށް މައްސަލަތަކުގެ ލިޔެކިޔުންތައް ހަވާލުކޮށްފި އެވެ.
ގާސިމްގެ މައްޗަށް ދައުލަތުން ވަނީ 3 ދައުވާ އެއް އުފުލާފައެވެ. އެއީ، ގާނޫނުލް އުގޫބާތުގެ 510 ވަނަ މާއްދާގެ ދަށުން ރިޝްވަތުދޭން އުޅުނު ކަމުގެ ދައުވާއާއި، 511 ވަނަ މާއްދާގެ ދަށުން ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަންކަމަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާއާއި ގާނޫނުލް އުގޫބާތު 540 ވަނަ މާއްދާގެ ދަށުން ވޯޓު ދޭން އުޅުނު މީހަކަށް ނުރަނގަޅު ނުފޫޒު ފޯރުވަން އުޅުނު ކަމުގެ ދައުވާއެވެ.
މި ތިން ދައުވާ އަށް ވެސް ޤާސިމް ވަނީ އިންކާރު ކުރައްވާފައެވެ.
މީގެ ކުރިންވެސް މި ދައުވާތައް ޤާސިމްގެ މައްޗަށް އުފުލައި ޝަރީޢަތުގެ އަޑުއެހުންތައް ވެސް ކުރިއަށް ގެންދިޔައެވެ. އެހެން ނަަމަވެސް މިމަހުގެ 10 ވަނަ ދުވަހަށް ތާވަލް ކޮށްފައި އޮތް އަޑުއެހުމަށް ޕީޖީގެ ވަކީލުން ހާޒިރުނުވުމުން، އެ މައްސަލަތައް ވަނީ ބާތިލުކޮށްފައެވެ.
ގާސިމްގެ މައްޗަށް ދައުވާ ކުރުމަށް ދެވަނަ ފަހަރަށް އެ މައްސަލަތައް ކޯޓަށް ވައްދާފައި ވަނީ އިއްޔެ އެވެ.