ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ޝަރުޢީ ނިޒާމް ނީލަމަށް ލާފައިވާ ކަމަށް ގއ. ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން ވިދާޅުވެއްޖެ އެވެ.
މާފަންނު ކުނޫޒްގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސައުދު ވިދާޅުވީ،މ ިނިވަން މުއައްސަސާތައް ބާރުގެ ދަށަށް ގެނެސް، އެންމެފަހުން ސަރުކާރުން އުޅެނީ ޖުޑިޝަރީ ނީލަމަށް ލައިގެން ޝަރުއީ ނިޒާމަށް ބާރު ފޯރުވުމަށް ކަމަށެވެ.
މިއަދު މުޅި ގައުމަށް އަނިޔާވެރިކަމާއި ބޭއިންސާފާއި ނާންމާންކަން ވެރިވެ، އުންމީދު ގެއްލިފައިވާކަން ފާހަގަކުރައްވައި ސައުދު ވިދަޅުވީ އެކަން ގޮތަށް ދިމާވެފައި ވަނީ ސަރުކާރުގެ ނާތަހުޒީބުކަމާއި ނާގާބިލު ކަމުގެ އިތުރަށް ކޮރަޕްޝަނާއި ފަސާދައިގެ އަމަލުތަކުގެ ސަބަބުން ކަމަށެވެ.
"މިނިވަން މުއައްސަސާތައް އޮތީ ނާގާބިލުވެފައި. މިއަދު ޖުޑިޝަރީ ވަނީ ނީލަމަށް ލާފަ. ރައްޔިތުންގެ ސުވާލުތައް އުފެދޭ ގޮތައް ކަންކަން ކުރެވޭނެ މަންޒަރު ދަނީ ފެންނަމުން."
ސައުދު ވިދާޅުވީ ރާއްޖެއަކީ ނޯތު ކޮރެއާއެއް ނޫން ކަމަށާއި ރާއްޖެ އަކީ ސަރަހައްދުގައި ވެސް އެންމެ ޒަމާނީ ގާނޫނު އަސާސީ އެކުލަވާލެވިފައިވާ ގައުމު ކަމަށެވެ.
ޕީޕީީއެމް އާއި ދުރަށް ވަޑައިގެންނެވި ސަބަބު ހާމަކުރައްވަމުން ސައުދު ވިދާޅުވީ، އެ ޕާޓީގައި ހުންނަވައިގެން ކަންކަން ހައްލު ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށާއި "ތޮށިގަނޑު ފަޅާލާ ނުކުންނަން ޖެހުނީ އެކަންކަން ހައްލު ނުވުމުން" ކަމަށެވެ.